ޗާގޯސް ރާއްޖޭގެ ތަނެއް ކަމަށް ނިންމަން ލިބުނު ފަހު ފުރުސަތު ޔާމީން ސަރުކާރުން ގެއްލުވާލައިފި: ޝާހިދު

ޚަބަރު ފަހުގެ

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ނިންމަން ލިބުނު ފަހު ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެއްވެސް ޤާނޫނު އަސާސީއެއްގައި ޗާގޯސްއަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ނުވަ ވަނަ ހަސަން ރަސްގެފާނު، ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ވިދާޅުވި ނަމަވެސް އެއީ ޕޯޗުގީޒުންނަށް ދެއްކެވުމަށް ލިޔުއްވި ލިޔުމެއް ކަމަށާއި އޭގައި އެއްވެސް އަސާސެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު ހުންނެވި އެއްވެސް ރަސްކަލެއްގެ އެއްވެސް ލިޔުމެއްގައި ޗާގޯސްގެ މައްޗަށް ރާއްޖޭގެ ބާރު އޮތް ކަމަށް ކަނޑައަޅުއްވާފައި ނުވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޝާހިދު ވިދާޅުވީ މިހާރު ދެ ގޮތަށް ދެ ޤައުމަކާއެކު މީގެ ކުރީގެ ސަރުކާރުތަކުން އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން، 1992 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ އޮކްޓޫބަރު 21ގައި މޮރީޝަސްގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށާއި ޗާގޯސްއަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއްކަން އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެއްބަސްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޗާގޮސްއާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުންނާއި ކުރީގެ ސަރުކާރުތަކުގައި މަސައްކަތް ކުރެއްވި ފަރާތްތަކުން މިހާރު ސަރުކާރަށް ފާޑުކިޔަމުންދަނީ ހަގީގަތް އެނގިތިބެ ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް، ޗާގޮސް އަކީ ރާއްޖޭގެ ތަނަކަށް ހެދުމުގެ ފުރުސަތު ލިބި، ގެއްލުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 2017 ވަނަ އަހަރު މޮރީޝަސް ސަރުކާރުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އދ އަށް ޤަރާރެއް ހުށަހެޅިކަމަށާއި، އެ ޤަރާރުގައި ވަނީ ސިޔާދަތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްއަކީ މޮރީޝަސްގެ ބާރު ހިނގާ ތަނެއްކަމަށް ބަޔާންކޮށްފައި ކަމަށެވެ. އެ ޤަރާރާ ދެކޮޅަށް އޭރުގެ ސަރުކާރުން ވޯޓު ދިނުމަށްފަހު ތިބީ ހަނު ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހެޅުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ގެއްލުވާލިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުުގައި އެއީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ކަނޑައަޅަން ރާއްޖެއަށް ލިބުނު އެންމެ ފަހު ފުރުސަތެވެ. އެހެންކަމުން މިހާރު ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަކީ އިހުލާސްތެރިކަމެއް އޮވެގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ