ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ ތެރެއިން، އާއިލާއިން އެދިގެން ހަށިގަނޑު ޤައުމަށް ގެންދަން ބޭނުންވާ މީހުން ގެންދިއުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ބުދަ ދުވަހުގެރޭ މ.ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި 10 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން މިހާތަނަށް ދެނެގަނެވިފައިވަނީ އިންޑިއާގެ 7 މީހަކާ ބަންގްލަދޭޝްގެ 2 މީހުންނެވެ. އަނެއް މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ފުލުހުން ވިދާޅުވީ ނިޔާވި ބައެއް މީހުންގެ ހަށިގަނޑު އަނބުރާ ޤައުމަށް ގެންދިއުމަށް އާއިލާތަކުން އެދެމުންދާތީ ކަމާގުޅުންހުރި އިދާރާތަކާއެކު އެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އެ ޤައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން ފުލުހުން އެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް ޤައުމަށް ފޮނުވާ ހަށިތަކުގެ އަދަދު ފުލުހުން ހާމަކޮށްފައެއްނުވެއެވެ.


