ފަސް ގައުމަކާއެކު މޯލްޑިވްސް ޓެނިސް ޗެލެންޖް ފަށައިފި

ކުޅިވަރު ފަހުގެ

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މުބާރާތް، މޯލްޑިވްސް ޓެނިސް ޗެލެންޖް ފަށައިފިއެވެ.

މާލޭގައި މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ ހަ ގައުމަކާއެކު އެވެ. މުބާރާތުގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީ ލަންކާއެވެ.

އިޝްތިހާރު
އިޝްތިހާރު

ނޮވެމްބަރު މަހުގެ 15 – 21 އަށް މާލޭގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން އަރަމުން އަންނަ އުއްމީދީ ގިނަ ޓެނިސް ކުޅުންތެރިން ބައިވެރިވެއެވެ. މީގެއިތުރުން މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކުގެ އުއްމީދީ ޓެނިސް ތަރިންތަކެއް މި މުބާރާތުގައި ބައިވެރިވެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މީގެއިތުރުން މުބާރާތުގެ ޕްރިމިއާ ބޭންކް ސްޕޮންސަރ ކޮމާޝަލް ބޭންކްގެ އިސްވެރިންނާ ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ބެލެނިވެރިންނާ ސްކޫލް ޓެނިސް ޕްރޮގްރާމްގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަހްލޫފް ވިދާޅުވީ މި މުބާރާތާއެކު އެންމެ ބޮޑު އުއްމީދަކީ އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ރަނގަޅު ތަޖުރިބާއެއް ލިބުން ކަމަށެވެ.

މީގެއިތުރުން ޓެނިސް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި އަޅާ ފެސިލިޓީއާއެކު ރާއްޖޭގައި ޓެނިސް އިތުރު ހަރުފަތެއް ކުރިޔަށްދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ މާލޭގެ ޓެނިސް ކޯޓު އަޕްގްރޭޑް ކުރި ފަހުން ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ދެވަނަ ޓެނިސް މުބާރާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ