ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވޭނީ މަދުވެގެން 336،000 ރުފިޔާ ހުރެގެން

ޚަބަރު ފަހުގެ

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށް ގަވާއިދު އެކުލަވާލައިފިއެވެ.

“ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު” ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާއިރު، މިހާރު ވަނީ މި ގަވާއިދަށް އަމަލުކުރަން ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ގަވާއިދުގައި ވާގޮތުން ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ލިބޭ އުމުރު ހަމަވާއިރު މަހަކު 2،000 ރުފިޔާ ޕެންޝަން ސްކީމުން ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރު ކަމުގައިވާ 336،000 ރުފިޔާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުންނަންޖެހެއެވެ. އަދި ގެދޮރު ގަތުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކޮށްފައިވާ ފަރާތެއްނަމަ، އެ އަދަދު ނުހިމަނައި އެންމެ މަދުވެގެން 336،000 ރުފިޔާ އެކައުންޓަށް ޖަމާވެފައި ހުންނަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

އަދި އެމީހަކީ ޙައްޖުވުމަށް އެދި ހުށަހަޅާ އަހަރު، ހައްޖުވުމަށް ޖާގަ ކަށަވަރުވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމަށް އެއްބަސްވާ ބައިވެރިއަކަށް ވާންޖެހެއެވެ. އަދި ހުރިހާ ޝަރުތުތަކަށާއި، ކަންކަމަށް އެއްބަސްވާންޖެހެއެވެ.

މި ގަވާއިދުގައި ވާގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ދޫކުރާނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 އިންސައްތައަށްވުރެ އިތުރުނުވާ މިންވަރެކެވެ.

މީގެ އިތުރުން ޕެންޝަން އޮފީހާއި ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު މިކަމާބެހޭ އެއްބަސްވުމެއް އެކުލަވައިލަންވާނެކަމަށް މި ގަވާއިދުގައި ވެއެވެ. އަދިި ހައްޖަށް ގެންދިއުމުގެ ޚިދުމަތް ހަމައެކަނި ފޯރުކޮށްދެވޭނީ ޕެންޝަން އޮފީހާއިއެކު އެއްބަސްވުން ޤާއިމްކޮށްފައިވާ ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް މި ގަވާއިދުގައި ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ