އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް މާލީ އެހީ ދީފި

ޚަބަރު ފަހުގެ

މި.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުވި ހުރިހާ އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް ބޭނުންވާ މާލީ އެހީ ދީފައިވާކަމަށާއި، މިހާރު ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް ނެތްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އަލިފާނުގެ ހާދިސާގެ އަސަރުކޮށްފައިވާ ގެކަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރގެ އެހީތެރިކަމާއެކު މިހާރު ވަނީ ނިންމާފައެވެ. މި ވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެނެސްފައިވެއެވެ. މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ.ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ.ވާދީގެ 4 ގޭބިސީއެއްގެ މީހުންނެވެ. މިގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

މީގެ ތެރެއިން 5 ގޭބިސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި މި އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް 2 މަހުގެ އެޑްވާންސް ފައިސާއާއި 1 މަހުގެ ކުލީގެ ފައިސާ އެންޑީއެމްއޭއިން ވަނީ ހަމަޖައްސާފައެވެ.

ހާދިސާ ހިނގި ނިރުފެހި ގޭގައި ދިރުއުޅުނު ބިދޭސީންގެ ތެރެއިން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް ގެނައި 9 ބިދޭސީންނަށް، އެ ފަރާތްތަކުގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓްގެ އެހީއާއެކު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަންވެސް އަންނަނީ ހަމަޖައްސަމުންނެވެ.

މިއީ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހާދިސާއެވެ. މި ހާދިސާގައި މ.ނިރުފެހި ގޭގައި ދިރިއުޅުނު 10 ބިދޭސީއެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 8 މީހުންނާއި، ބަންގްލަދޭޝްގެ 2މީހުންނެވެ. އެމީހުންގެ ހަށިގަނޑުވަނީ ޤައުމަށް ފޮނުވާލާފައެވެ.

އަލިފާނުގެ ހާދިސާ ތަޙުޤީގު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ