ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 7 ވަނަ ފަހަރަށް އިތުރުކޮށްފި

ޚަބަރު ފަހުގެ


މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް ހެލްތު ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމް ސޮއިކުރައްވައި މިރޭ ނެރުއްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓެވިކަން އިއުލާނު ކުރެއްވި ޤަރާރުގައިވަނީ މިކަން ހާމަކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވަމުން ދާތީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 6 އޮކްޓޫބަރ 2020 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ.

މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކިކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭކަމަށް ލަފާ އަރުވާފައިވާތީކަމަށްވެސް މި ޤަރާރުގައިވެއެވެ.

މިނިންމެވުމާއެކު ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތުމިނިސްޓަރު އަންގަވާކަމަށްވެސް މިޤަރާރުގައި ވެއެވެ.

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެނެމް ފުރަތަމަ ޢިއުލާންކުރެއްވީ 12 މާރިޗު 2020 ގައެވެ. އޭގެފަހުން އެކި ފަހަރުމަތިން މިދަނީ މިހާތަނަށް މުއްދަތު އިތުރުކޮށް ދަމަހައްޓަމުންނެވެ. މިއީ މިގޮތުން މުއްދަތު އިތުރުކުރި 7 ވަނަ ފަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ