އިޓަލީގެ ޤައުމީ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޚަބަރު ފަހުގެ

އިޓަލީގެ ޤައުމީ އެއަރލައިން، އައިޓީއޭ އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

މި ދަތުރުތައް ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ. އެގޮތުން އެ އެއަރލައިނުގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އައިޓީއޭ އެއަރވޭސް އިން ދަތުރު ކުރާނީ އިޓަލީގެ ރޯމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މިއީ މިހާރު ކުރިއަށްދާ ފިނި މޫސުން ނުވަތަ ޕީކް ސީޒަނާ ގުޅުވައިގެން ފެށި ދަތުރުތަކެކެވެ.

އައިޓީއޭ އިން ބުނެފައިވާ ގޮތުގައި މި ދަތުރުތައް އެ އެއަރލައިނުން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 15 އާ ހަމައަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުން ކުރާނީ އެއަރބަސް އޭ 350 މަރުކާގެ މަތިންދާބޯޓާއި އޭ 330 މަރުކާގެ ބޯޓެވެ.

އެ އެއާލައިނުގެ ޗީފް ކޮމާޝަލް އޮފިސަރު އެމިލިއާނާ ލިމޮންސާނީ ވިދާޅުވެފައިވާ ގޮތުގައި މިއީ މި ދުވަސްވަރު އެ އެއަރލައިނުން ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ޗުއްޓި ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވިންގެދިޔަ ފުރުސަތެއް ކަމަށެވެ. އަދި މި ދަތުރުތައް ފަށާފައިވަނީ ރާއްޖެއަކީ މިވަގުތު އެންމެ މަގުބޫލު މަންޒިލަށް ވާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ދަތުރުތަކުގެ ސަބަބުން އިޓަލީގެ އިތުރުން ޔޫރަޕުގެ އެހެނިހެން މަންޒިލްތަކާ ވެސް އެ އެއަރލައިންގެ ޒަރީއާއިން ރާއްޖެއާ ގުޅުވާލެވޭނެ ކަމަށް އިމިލިއާނާ ވަނީ ވިދާޅުވެފައެވެ.

އައިޓީއޭ އެއާރވޭސްއަކީ އިޓަލީގެ ކުރީގެ ޤައުމީ އެއާރލައިން، އަލިޓާލިއާ ބަނގުރޫޓުވެ، ހުއްޓާލަން ޖެހުމުން އިޓަލީ ސަރުކާރުގެ 100 އިންސައްތަ ހިއްސާއާއެކު އުފައްދައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ރަސްމީކޮށް އޮޕަރޭޝަން ފެށި އެއާރލައިނެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ