ރާއްޖެއާއި ބޮސްނިއާއާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއާއި ބޮސްނިއާ އެންޑް ހަރޒަގޮވިނާއާ ދެމެދު މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބޮސްނިއާ އެންޑް ހަރޒަގޮވިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޑޮކްޓަރ ބިސޭރާ ޓުރްކޮވިޗް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ސަރުކާރުގެ މަތީފަންތީގެ ބޭފުޅަކު ރާއްޖެއަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި އޮތް މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ، ބޮސްނިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް މަރުހާބާ ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ވިޔަފާރިއާއި އިޤްތިޞާދާއި، ތަޢުލީމީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނެވެ. އަދި ވިޔަފާރިއާއި ތަރައްޤީގެ ދާއިރާއަށް ކުރަމުންދާ މަސައްކަތުގައި މާލީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ފޮރިން މިނސިްޓަރ ޝާހިދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝައްފާއު އިބްރާޙިމް ބައިވެރިވެވެޑައިގެންނެވިއެވެ.

ބޮސްނިއާގެ ފޮރިން މިނިސްޓަރގެ މި ދަތުރުފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި ބައްދަލުކުރައްވާފައެވެ.

ބޮސްނިއާ އެންޑް ހަރޒަގޮވިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 27 ޖެނުއަރީ 1997ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ