ބައްޕަޔަށް އިޙްތިރާމުކުރާށެވެ!

ފަހުގެ ދީން

އޭ ލޮބިވެތި ދަރީންނޭވެ! ބައްޕަޔަށް އިޙްތިރާމުކުރާށެވެ. ދިރިއުޅުމުގެ މާޒީން ބައްޕަ ދުށްތަން ވަރަށް ބޮޑެވެ. ޙަޔާތުގެ ދަތުރުގައި ބައްޕަޔަށް އާދެވިފައި ހުރީ ވަރަށް ދުރަށެވެ. ބައްޕަޔަށް ނޭނގިދާނޭ ތިޔަ ހީވަނީ ދަރިފުޅަށް ނޭނގޭތީއެވެ. ބައްޕަޔަށް އޮޅިފައި އޮވެދާނެޔޭ ތިޔަ ހީވަނީ ދަރިފުޅަށް އަދި އޮޅުން ނުފިލާތީއެވެ.

ތިޔަ ދަރިފުޅު ދުނިޔެއަށް އައުމުގެ ފެށުން ކަމުގައި ﷲ ލެއްވީ ބައްޕައެވެ. ތިޔަ ދަރިފުޅުގެ ބެލެނިވެރި ޒިންމާ ﷲ އެޅުއްވީ ބައްޕަގެ ކޮނޑުގައެވެ. ތިޔަ ދަރިފުޅުގެ ރައްކައުތެރިކަން ﷲ ލެއްވެވީ ބައްޕަގެ ފަރާތުގައެވެ. ތިޔަ ދަރިފުޅަށް ދެއްވާ ރިޒްޤު ﷲ ފޮނުއްވެވީ ބައްޕަ މެދުވެރިކުރައްވައެވެ. ތިޔަ ދަރިފުޅުގެ ބަލަދުވެރިކަން ދެމިއޮތީ ބައްޕަގެ ކިބައިގައެވެ. ބައްޕަޔަށް އިޙްތިރާމުކުރާށެވެ!

އިޝްތިހާރު
އިޝްތިހާރު

އޭ ލޮބިވެތި ދަރީންނޭވެ! ބައްޕަގެ ޙަޔާތުގައި ވެސް ޒުވާންކަމާ ކުރިމަތިވިޔެވެ. އެ ޒުވާންކަމުގެ ޢުމުރު ހުސްނުވަނީސް ދަރިފުޅު ލިބުނެވެ. ދަރިފުޅުގެ ޙައްޤުގައި އިތުރަށް ހީވާގިވާން ބައްޕަޔަށް މަޖުބޫރުވިއެވެ. ޙަޔާތުގެ ނަވަށް ކޮންމެ ކުއްޖަކު ވެސް އަރާނީ ބައްޕަގެ މޫނަށް ހިނިތުންވުން ގެންނަމުންނެވެ. އެހެނަސް އެ ހިނިތުންވުން ދެކޭ މީހަކީ ހަމައެކަނި ބައްޕައެވެ. ދަރިފުޅުގެ ހިނިތުންވުން އުޖާލާ ކުރުމަށް ބައްޕަގެ ހިނިތުންވުން ފަނޑުކުރެއެވެ. ނަފުސުގެ އުފާތައް ޤުރުބާން ކުރެއެވެ. ދަރީންގެ ޒިންމާ އުފުލުމުގައި ވަގުތުތައް ހޭދަކުރެއެވެ. ބައްޕަޔަށް އިޙްތިރާމުކުރާށެވެ!

ޙަޔާތުގެ ނައު ފެތުނަ ނުދީ ދުއްވޭތޯ ބައްޕަ ބަލަނީ އޭގައި ތިބި ދަރީން ކަނޑުވިޔަ ނުދިނުމަށެވެ. ދުވެއްޔަށް ފަހި ވައި ނުޖެހުނަސް ދަންމާނަށް ދަމާ ހަލިކުރަނީ ދުވެލި އައުކޮށް ހޭރިޔާ ކުރުމަށެވެ. ދަތުރު ދިގުކަން ބައްޕަޔަށް އެނގެއެވެ. ވިއްސާރަކަމުން މަންޒިލެއް އަދި ފެންނަވަރު ނުވަނީއެވެ. ބައްޕަޔަށް އިޙްތިރާމުކުރާށެވެ!

ޙަޔާތުގެ ދަތުރުގައި، ދަތުރުގެ ބައިވެރިންނަށް ދަސްވާން އޮންނާނީ ދެ ފިލާވަޅެކެވެ. އެއް ކަމަކީ ކެޔޮޅަށް އިޢުތިމާދުކޮށްގެން ތިބުމުގެ ފިލާވަޅެވެ. އޭނާގެ ޤިޔާދަތަށް އިތުބާރުކުރުމެވެ. އޭނާގެ ނިންމުންތައް ބަލައިގަތުމެވެ. އޭނާގެ އަމުރުތަކަށް ފުރިހަމަޔަށް ކިޔަމަންގަތުމެވެ. އަނެއް ފިލާވަޅަކީ އެ ހުރިހާ ކަމަކާ އިދިކީލިވުމުގެ ފިލާވަޅެވެ.

އޭ ލޮބުވެތި ދަރީންނޭވެ! ތިޔަ ކުދިންގެ ޙަޔާތުގެ ދަތުރުގައި ކެޔޮޅަކީ ބައްޕައެވެ. ބައްޕަޔާ ދެކޮޅުވާން އުޅެފިއްޔާ، ކުރެވޭނީ ނާއުންމީދީ ޚިޔާލާތުތަކެކެވެ. ދެކޭ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެހޭނެ މަގެއް ނުފެންނާނެއެވެ. އެކަން ވާނީ މުޅީން ވެސް ޝައިޠާނީ ވަސްވާހަށެވެ.

އޭ ލޮބުވެތި ދަރީންނޭވެ! ޝައިޠާނާއަށް ތަބާނުވާށެވެ. އޭނާއަކީ އިންސީންނަށް ބަޔާންވެގެން ހުރި ޢަދާވާތްތެރިއެކެވެ. އޭނާ ޢަދާވާތްތެރިޔަކު ކަމުގައި ހިފުމަށް ﷲ ވަނީ އިންސާނުންނަށް އަމުރުކުރައްވައިފައެވެ. ދަރިފުޅުގެ ޙަޔާތުގައި ބައްޕަ ވީ ޤުރުބާނީގެ އަގު ވަޒަންކުރާށެވެ! ލޯބިދޭށެވެ! ބައްޕަޔަށް އިޙްތިރާމުކުރާށެވެ!

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ أَفْضَل

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ