އީމާންކަމަކީ އަބަދު އެއްވަރެއްގައި ހުންނާނެ އެއްޗެއް ނޫނެވެ. ﷲ އަށް ކިޔަމަންވެ ހެޔޮ ޢަމަލުކޮށް މުންކަރާތްތަކާއި ނަހީތަކުން ދުރުވާ ނަމަ އީމާންކަން އިތުރުވާނެއެވެ. އަދި ހެޔޮ ކަންކަމާ ދުރުވެ، ފާފަތަކަށް މީހާ ހުށަހެޅިގަންނަ ނަމަ އީމާންކަން ދަށްވާނެއެވެ. އެހެންކަމުން ހިތްތައް ބަދަލުކުރައްވާ އިލާހުގެ ޙަޟްރަތުން އަބަދުވެސް ސާބިތުކަންދެއްވުމަށް އެދި ދުޢާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވެސް އެފަދައިން ދުޢާ ކުރެއްވުމުގައި ދެމި ހުންނެވިއެވެ. އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާ ދުޢާއެއް ކަމުގައިވީ “يَا مُقَلِّبَ الْقُلُوْبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ” (سنن الترمذي (3522) މި ދުޢާއެވެ. މާނައީ: “އޭ ހިތްތައް ބަދަލުކުރައްވާ ރަސްކަލާކޮ! އިބަ اللهގެ ދީންމަތީ މި އަޅާގެ ހިތް ޘާބިތުކުރައްވާނދޭވެ.”
އީމާންކަން ތާޒާކޮށް އިތުރުކުރުމަށް ޓަކައި އަބަދުވެސް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއާ އެކު އީމާންކަމުގެ ފޮނި މީރުކަން ޙާޞީލުވުމަކީ ނުހަނު ބޮޑު ނިޢުމަތެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވަނީ: ثَلاَثٌ مَنْ كُنَّ فِيْهِ وَجَدَ حَلاَوَةَ الْإِيْمَانِ: مَنْ كَانَ اللهُ وَرَسُوْلَهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَمَنْ أَحَبَّ عَبْدًا لَا يُحِبُّهُ إِلَّا لِلَّهِ عَزَّ وَجَلَّ، وَمَنْ يَكْرَهُ أَنْ يَعُوْدَ فِي الْكُفْرِ بَعْدَ إِذْ أَنْقَذَهُ اللهُ كَمَا يَكْرَهُ أَنْ يُلْقَى فِي النَّارِ (صحيح البخاري :21) މާނައީ: “އެ މީހެއްގެ ކިބައިގައި ތިން (ސިފައެއް) ހުރެއްޖެ މީހަކަށް އީމާންކަމުގެ ފޮނިކަން ލިބޭނެތެވެ. އޭނާއަކީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ﷲއާއި އެ އިލާހުގެ ރަސޫލާ ދެކެ ލޯބިވާ މީހެއް ކަމުގައިވުމެވެ. އަދި އޭނާ އަޅަކު ދެކެ ލޯބިވާ އިރު، ހަމައެކަނި ﷲއަށް ޓަކައި އެ އަޅަކު ދެކެ ލޯބިވާ މީހަކު ކަމުގައިވުމެވެ. އަދި އޭނާއަކީ އަލިފާންގަނޑަކަށް އެއްލައިލެވެން ނަފުރަތުކުރާ ފަދައިން، ﷲ އޭނާ ކުފުރުން ސަލާމަތްކުރެއްވުމަށް ފަހު، ކުފުރަށް އެނބުރި ދިޔުމަށް ނަފުރަތުކުރާ މީހެއް ކަމުގައިވުމެވެ.”
މިފަދަ މީހަކަށް އީމާންކަމުގެ ފޮނިމީރުކަން ނުލިބޭނީ ފަހެ ކީއްވެތޯއެވެ؟ އޭނާ ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ﷲ އާއި އެއިލާހުގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ދެކެ ލޯބިވެއެވެ. އެއާ އެކު ﷲ تعالى އެއިލާހުގެ ރަސޫލާ މެދުވެރިކޮށް އަޅުގަނޑުމެންނަށް ދެއްވި އިސްލާމީ ޝަރީޢަތަށް އޭނާ ލޯބިކުރެއެވެ. އަދި އެ ޝަރީޢަތާ ޚިލާފަށް އޭނާ ކަމެއް ނުކުރެއެވެ. އޭނާ މީހަކު ދެކެ ލޯބިވާ ނަމަ ވަނީ މާތް ﷲއާއި އެ އިލާހުގެ ރަސޫލާއަށް ޓަކައެވެ. އޭނާއަށް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ކަމުގައިވާ ހިދާޔަތުގެ ނިޢުމަތަށް އޭނާ ޝުކުރުވެރިވެ، އެ ނިޢުމަތުން އޭނާ މަޙުރޫމްވެދާނޭ ފަދަ ކަންކަން ދެނެގަނެ، އެފަދަ އެންމެހާ ކަމަކުން އޭނާ ދުރުވެ ރައްކާތެރިވެ ހުރެއެވެ. ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ވެސް އީމާންކަމުގެ ފޮނިމީރުކަން ދެއްވުމެވެ. އާމީން!
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخُ مَطِيْعُ إِسْمَاعِيْلُ مُحَمَّدُ