އިޙްސާންތެރިކަމަކީ މުސްލިމަކު އެ ސިފަ ލިބިގަތުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރާން ޖެހޭ ސިފައެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ﴾ (البقرة: ١٩٥) މާނައީ: “އަދި އިޙްސާންތެރިވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރީން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
މާތް ﷲ އަޅުގަނޑުމެންނަށް އަންގަވަނީ އިޙްސާންތެރިވުމަށެވެ. އެ މީހެއްގެ އުސޫލުތަކާއި ދައްކާ ވާހަކައާއި ކުރާ ޢަމަލުތައް ހެޔޮގޮތުގައި ކުރުމަށެވެ. އެހެނީ، އިޙްސާންތެރިކަމަކީ އިންސާނާ ކުރާ ކޮންމެ ކަމެއްގައި ވެސް އެކުލެވެންޖެހޭ ސިފައެކެވެ. އެގޮތުން ބަލާއިރު، އެހެން މީހުންނާ މުޢާމަލާތުކުރާއިރު، މަޑުމައިތިރިކަމާއި އޯގާތެރިކަމާއި ރީތި ބަސްތަކުން މުޚާޠަބުކުރުމަކީ މުހިންމުކަމެކެވެ. އެކަލާނގެ ވާޙީކުރެއްވިއެވެ. ﴿وَقُولُوا لِلنَّاسِ حُسْنًا﴾ (البقرة: ٨٣) މާނައީ: “އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!” ތަފްސީރު ޢިލްމުވެރީން ވިދާޅުވާ ގޮތުން މި އާޔަތުން ދޭހަވާ އާންމު މާނައަކީ، އެއްވެސް އިސްތިސްނާއެއް ނެތި، ހުރިހާ އިންސާނުންނާ ވެސް ރިވެތި ގޮތުގައި މުޢާމަލާތްކުރުމެވެ.
އާދެ! މުއުމިނުންނަކީ މުޢާމަލާތްކުރުމަށް ފަސޭހަ ބަޔެކެވެ. މީސްތަކުންނަށް އުނދަގޫވެދާނެ ކަންކަމުން ދުރުހެލިވާ ބަޔެކެވެ. އަދަބުވެރިކަމާ އެކު މުޚާޠަބުކުރާ ބަޔެކެވެ. އަދި އަޚްލާޤު ރަނގަޅު ބަޔެކެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ” (رواه الترمذي) މާނައީ: “ހެޔޮ ޚުލުޤެއްގައި މީސްތަކުންނާ އެކުވެ އުޅޭށެވެ.”
މާތް ﷲ މި ދުނިޔޭގައި އިންސާނުންނަށް އެތައް ހެޔޮ ނިޢުމަތްތަކެއް މި ވަނީ ދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا﴾ (الكهف: ٧) މާނައީ: “ހަމަކަށަވަރުން ބިންމަތީގައިވާހާ ތަކެއްޗެއް އެ ބިމުގެ ޒީނަތެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. (އެއީ) އެއުރެންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށެވެ.” މާތް ﷲ އިންސާނުންނަށް ތަފާތު އެކިއެކި ޢިލްމުތައް ދެއްވިއެވެ. ބޭސްވެރިކަމާއި، އިންޖިނިއަރިންނާއި، ފަލަކީ ޢިލްމާއި މިނޫންވެސް އެތައް ބައިވަރު ޢިލްމުތައް ދެއްވީ އޭގެ ބޭނުން އަމިއްލަ ނަފުސަށާއި މުޖުތަމަޢަށް ފައިދާވާނޭ ގޮތަށް އިޙްސާންތެރިކަމާ އެކު ހެޔޮ ގޮތުގައި ބޭނުންކުރުމަށެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ. ﴿لِّلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۚ وَلَدَارُ الْآخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ الْمُتَّقِينَ﴾ (النحل: ٣٠) މާނައީ: “މި ދުނިޔޭގައި ހެޔޮކޮށް ކަންތައް ކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤްވާވެރީންގެ ގޮވަތީގެ މޮޅުކަމާއެވެ!” އެހެންކަމުން، އީމާންވެ ހެޔޮކޮށް ކަންތައްތައް ކުރާ ނަމަ، މާތް ﷲ އެ މީހެއްގެ ޙާލަތު ދުނިޔެ މަތީގައި ވެސް އަދި އާޚިރަތުގައި ވެސް ފާގަތިކޮށްދެއްވާނެއެވެ. އެ މީހަކަށް ހިތްހަމަޖެހުން މިންވަރު ކުރައްވާނެއެވެ. އާޚިރަތުގައި އެ މީހަކު ސުވަރުގެ ވައްދަވާނެއެވެ. އަދި ނިޢުމަތުން ފުރިގެންވާ ސުވަރުގޭގައި އެކަލާނގެ ވަޖްހުފުޅަށް ބެލުމުގެ މަތިވެރި ނިޢުމަތް ދެއްވަވާނެއެވެ. އެކަލާނގެ ވާޙީކުރެއްވިއެވެ. ﴿لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ﴾ (يونس: ٢٦) މާނައީ: “ހެޔޮ ޢަމަލު ކުޅަ މީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެ އިތުރަށް ވެސް ހުށްޓެވެ.” ތަފްސީރުއްޠަބަރީގައި ބަޔާންކުރައްވައިފައިވަނީ “އަދި އޭގެ އިތުރަށް ވެސް ހުށްޓެވެ.” މި ކަލިމައިގެ މުރާދަކީ އެކަލާނގެ ވަޖްހުފުޅަށް ބެލުމުގެ މަތިވެރި ނިޢުމަތް ދެއްވާނެކަމުގެ ޚަބަރެވެ.
އަޅުގަނޑުމެންގެ ޒުވާންޖީލު ހެޔޮ ޢަމަލުކުރުމަށާއި ހެޔޮކޮށް މުޚާޠަބުކުރުމަށާއި ހެޔޮ އަޚްލާޤުން ތަރުބިއްޔަތުވެގެން އަންނަތަން ފެނުމަށްވުރެ ވަކި އުފާވެރި މަންޒަރެއް ކޮބައިތޯއެވެ؟ ދުޢާއަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ފަދަ އިޙްސާންތެރީންނަށް ވުމުގެ ތައުފީޤު އަޅަމެންނަށް މިންވަރު ކުރެއްވުމެވެ. آمين!
“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد