ހުޅުމާލޭ ފޭސް 2ގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއް ހުޅުވައިފި

ޚަބަރު ފަހުގެ

ހުޅުމާލޭ ފޭސް 2ގައި ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ބިނާކުރި ޖެނެރަލް ޕްރެކްޓިސް ކްލިނިކް ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން އެ ކްލިނިކް ހުޅުވާފައި ވަނީ، ސިއްހީ ޚިދުމަތް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. ހިޔާގެ 16ވަނަ ޓަވަރުގައި ހުޅުވި މި ކްލިނިކް ހުޅުއްވައިދެއްވާފައި ވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އިޝްތިހާރު
އިޝްތިހާރު

ކްލިނިކް ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، ކްލިނިކުން ލިބެން ހުރި ޚިދުމަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ކްލިނިކުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީ.ސީ.ޖީ ޚިދުމަތުގެ އިތުރުން، ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތް ލިބޭނެއެވެ. އެ ކްލިނިކްގައި އެސްޓީއޯގެ ބޭސްފިހާރައެއްވެސް ހުންނާނެއެވެ. އެ ކްލިނިކުން ޚިދުމަތް ފޯރުކޮށްދެމުންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ހަވީރު 5:00ށެވެ.

މި ކްލިނިކް މެދުވެރިކޮށް ޚާއްސަ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ. އެތަނުގައި ވަރަށް އަވަހަށް ޕަބްލިކް ހެލްތު ޔުނިޓަކާއި އެހެނިހެން ބައެއް ޚިދުމަތްތައްވެސް ފަށާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ