ނަބިއްޔާގެ ޠާއިފު ދަތުރުފުޅު (2)

ފަހުގެ ދީން

މޭބިސްކަދުރު ބަގީޗާގެ ވެރީންކަމުގައިވި ޢުތުބާއާއި ޝައިބާގެ ހިތުގައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އަށް ހަމްދަރުދީ އުފެދުނެވެ. އެ މީހުންގެ ޚާދިމު ޢައްދާސް ގެނެސް ތަށްޓަކަށް މޭބިސްކަދުރު ކޯނިތަކެއް ލައިފައި އެކަލޭގެފާނަށް ފޮނުވިއެވެ.

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم “بِسْمِ ﷲِ” ވިދާޅުވެ ފަރީއްކުޅުއްވާން ފެއްޓެވިއެވެ. އެ ވަގުތު ޢައްދާސް ދެންނެވިއެވެ. “ކަލާނގެ ރަސްކަންފުޅު ގަންދީ ދަންނަވަމެވެ! ތިޔަ ވިދާޅުވީ މި ކަރައިގެ މީހުން މީގެ ކުރީން ކިޔައި އުޅޭ އެއްޗެއް ނޫނެވެ.” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم އޭނަޔާ ސުވާލުކުރެއްވިއެވެ. “ތީ ކޮން ރަށެއްގެ ކުއްޖެއްހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟” ޢައްދާސް ޖަވާބުދިނެވެ. “ތިމަންނާއީ ނަޞާރާއަކީމެވެ. ނައިނަވާ މީހަކީމެވެ.” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ސުވާލުކުރެއްވިއެވެ. “ޔޫނުސް ބިން މައްތާގެ ރަށުގެ މީހަކީމު ދޯއެވެ؟” އެހިނދު ޢައްދާސް ހައިރާންކަމާ އެކު ސުވާލުކުރިއެވެ. “ކަލޭގެފާނަށް ޔޫނުސް ބިން މައްތާ އެނގިވަޑައިގަތީ ކޮންފަދައަކުންތޯއެވެ؟” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “އެކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަޚެކެވެ. ނަބީބޭކަލެކެވެ. ތިމަންކަލޭގެފާނަކީ ވެސް ނަބީބޭކަލަކީމެވެ.” އެހިނދު ޢައްދާސް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ އިސްތަށިފުޅަށާއި އަތްޕުޅަށާއި ފައިންޕުޅަށް ބޮސްދީ އިސްލާމްވިއެވެ. މި ތަން ބަލަން ތިބި ރަބީޢާގެ ދެ ދަރީން އެކަކު އަނެކަކަށް ބުނެފިއެވެ. “އަހަރެމެންގެ ޚާދިމު މަގުފުރެދިއްޖެއެވެ.” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ދީނަށްވުރެ ނަޞާރާދީން މާ ރަނގަޅުވާނެކަމަށް ބުނެ އެ ދެ މީހުން ޢައްދާސަށް ވަސްވާސް ދިނުމުން ޖަވާބުގައި އޭނާ ބުންޏެވެ. “ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمއަށްވުރެ ވަކި ރަނގަޅު މީހަކު މި އުޑު ދަށުގައި ނުވެއެވެ. ތިމަންނައަށް އެކަލޭގެފާނު ބަޔާންކޮށްދެއްވި ކަންތައްތަކަކީ ނަބީބޭކަލަކަށް މެނުވީ އެނގިވަޑައިގަންނަވާނޭ ކަންތަކެއް ނޫނެވެ.”

އިޝްތިހާރު
އިޝްތިހާރު

ދެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم މައްކާއަށް އެނބުރި ވަޑައިގަތުމުގެ ދަތުރު ފެއްޓެވިއެވެ. “ޤަރުނުލް ޘަޢާލިބު” އޭ ކިޔުނު ހިސާބަށް ވަޑައިގަތްތަނާ މާތް ﷲ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް عَلَيْهِ السَّلَامއާ އެކު ފަރުބަދަތަކުގެ މަލާއިކަތާ ފޮނުއްވިއެވެ. އެ މަލާއިކަތާ ވިދާޅުވިއެވެ. “ޠާއިފުގެ މީހުން ކަލޭގެފާނަށް ރައްދުކުޅަ ބަސްތައް އަރަހުށި މާތް ﷲ އައްސަވައިވޮޑިގެންފިއެވެ. ކަލޭގެފާނު އެދިވަޑައިގަންނަވާ ނަމަ އަޚްޝަބައިނެވެ ކިޔުނު ދެ ފަރުބަދަ އެ މީހުންގެ މައްޗަށް ވައްޓައިލާ ހުށީމެވެ.” ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ އެބައިމީހުންގެ ބުރަކަށިތަކުން ވެސް މާތް ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ނެރުއްވުމެވެ.”

ދެން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ވަޑައިގަތީ ވާދީ ނަޚްލާއަށެވެ. އެ ތަނުގައި ދަމުނަމާދުކުރެއްވި ރެއެއްގައި މާތް ﷲ سبحانه و تعالى ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވެވިއެވެ. ޖިންނީންގެ މި ވަފުދު ވެސް އިސްލާމްވިއެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ﴾ ‎(الأحقاف: ٢٩)‏ މާނައީ: “ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރުއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެމީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެ ގޮތުގައި އެނބުރި ހިނގައްޖައޫއެވެ.”

ޠާއިފުގެ ހާދިސާއަކީ ސީރަތުގެ މުހިއްމު ބާބެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ސީރަތު މުޠާލިޢާކޮށްފި ކޮންމެ މީހަކަށް އެނގި ޔަޤީންވާނެކަމަކީ އެކަލޭގެފާނަކީ އިންސާނީ ތާރީޚު ދުށް އެންމެ މަތިވެރި ޝަޚްޞިއްޔަތު ކަމެވެ.

“ދީނުގެމަގު”ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ مَعُوْن شَرِيْف

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ