މި އަހަރުގެ މުލަ ރޯދަ ދުވަހަކީ ބުރާސްފަތި

ޚަބަރު ފަހުގެ

ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މަރޗް 23 ވާ ބުރާސްފަތި ދުވަސްކަމުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، އިސްލާމީ މަރުކަޒުގައި ބޭއްވި ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަން އިއުލާން ކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މަރޗް 21 ވީ އަންގާރަ ދުވަހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށާއި އިސްލާމީ ގިނަ ގައުމުތަކަށްވެސް ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ނުހުންނާނެކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާކަމަށެވެ. އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލުގެ މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖެއިން އަމަލުކުރަމުން އަންނަ އުސޫލުގައި ވާގޮތުން ބުދަ ދުވަހަކީ 1444 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސްކަމަށް ކަނޑައަޅާކަމަށެވެ. އަދި މަރޗް މަހުގެ 23 ވާ ބުރާސްފަތި ދުވަހަކީ 1444ވަނަ އަހަރުގެ ރަމަޟާން މަހުގެ 1ވަނަ ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓަރ ވަނީ ހުރިހާއެންމެންވެސް މި ރަމަޟާން މަހު އަޅުކަމަށް ޚާއްސަ ފަރުވާތެރިކަމެއް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އިސްލާމީ އުއްމަތަށް މި މަހަކީ ބަރަކާތްތެރި މަހެއް ކަމުގައި ލެއްވުން އެދި ދުއާ ކުރެއްވިއެވެ.

ސައުދީ އަރަބިއްޔާއިންވެސް ކަނޑައަޅާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސްކަމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ