ދަޢުވަތު ދިނުމުގެ މުހިންމުކަން

ފަހުގެ ދީން

ދަޢުވަތު ދިނުމަކީ މީސްތަކުންނަށް ﷲގެ މަގަށް ގޮވައިލާ ގޮވައިލުމެވެ. އެކަލާނގެ ދީނަށް ދެވޭ ދަޢުވަތެވެ. އާދެ! ކޮންމެ މުސްލިމަކު ވެސް އިސްލާމްދީނަށް ދަޢުވަތު ދިނުމުގެ މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ (يوسف: ١٠٨) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.”

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ އިސްލާމްދީނަށް ދަޢުވަތު ދެއްވުމުގައެވެ. އަދި އެކަލޭގެފާނަށް ފަހު ހުރިހާ ޞަޙާބީން ވެސް މި މަސައްކަތްޕުޅުގައި އަވަދިނެތި އުޅުއްވިއެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް އެކަލޭގެފާނަށް ތަބާވާ މުސްލިމުން ދަޢުވަތުގެ މަސައްކަތުގައި އުޅޭތަން އަޅުގަނޑުމެންނަށް ފެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

الله تعالىގެ ޙަޟްރަތަށް މީސްތަކުންނަށް ގޮވައިލުމަކީ ކޮންމެ މުސްލިމަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ދީނުގައި އެ މީހަކަށް އެނގިފައިވާ މިންވަރުން އަނެކާއަށް ބުނެދިނުމަކީ މައްސަލައެއް ނޫނެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައި ވެއެވެ. “بَلِّغُوا عَنِّي وَلَو آيَةً” (البخاري) މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއްގެ މިންވަރު ވިޔަސް ފޯރުކޮށްދޭށެވެ!” އެހެންކަމުން ދަޢުވަތު ދޭ މީހާ އެއީ ބޮޑު ޢިލްމުވެރިއަކަށް ވުން ލާޒިމެއް ނުކުރެއެވެ. އެކަމަކު، ޝަރުތަކީ އޭނާ އެ ގޮވައިލާ ނުވަތަ ދަޢުވަތުދޭ ކަމަކީ އޭނާއަށް ކަނޑައެޅިގެން އެނގޭ މަޢުލޫމާތުގެ މައްޗަށް ދެވޭ ދަޢުވަތަކަށް ވުމެވެ. އަދި އެ މަޢުލޫމާތަކީ ޢިލްމުވެރިއެއްގެ އަރިހުން ހޯދާފައިވާ މަޢުލޫމާތަކަށް ވުން ވެސް މުހިންމެވެ. އަދި ހަމައެހެންމެ، ދަޢުވަތުދޭ މުއައްސަސާއެއްގެ އިދާރީ މަސައްކަތުގައި އުޅޭ މީހަކު ވެސް އޭނާއަށް އެނގޭ މިންވަރަކުން މީހަކަށް އެންމެ އާޔަތެއް ދަސްކޮށްދިނުން ވެސް ހިމެނޭނެއެވެ. އެހެނަސް އިސްވެ ދެންނެވި ފަދައިން، އެއީ ޢިލްމުވެރިއެއްގެ އަރިހުން ލިބިފައިވާ މަޢުލޫމާތަށް ވާން ޖެހޭނެއެވެ.

އާދެ، ވީވަރަކުން ހެޔޮ ކަންކަމަށް ގޮވައިލައި ނުބައި ކަންކަން މަނާކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބުވެގެންވާ ކަމެކެވެ. އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ޙިކުމަތާއި، ރިވެތި ވުޢުޡާ އެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުން ވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.” (سورة النحل: 125) އަދި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ހަދީޘްކުރެއްވިއެވެ. “إِنَّ الدِّينَ النَّصِيحَةُ” (البخاري) މާނައީ: “ހަމަކަށަވަރުން ދީނަކީ ނަޞޭހަތެކެވެ.”

ދަޢުވަތަކީ މުސްލިމަކު އޭނާގެ ޙަޔާތުގައި ކުރަން ޖެހޭ ކަމެއް ކަން ދަލީލުކޮށްދޭ މިނޫން އެހެން ނައްޞުތައް ވެސް ޤުރުއާނާއި ސުންނަތުން ފެންނާން އެބަހުއްޓެވެ. އެހެންކަމުން ދަޢުވަތު ދިނުމުގައި ގިނަ ވަގުތު ހޭދަކުރައްވާށެވެ. މިއީ ޢިލްމުވެރީންނާއި އިސްލާމީ ވެރީންނާއި އަދި އާންމު މުސްލިމުންގެ ޒިންމާއެކެވެ.

“ދީނުގެމަގު”ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ