ރޯދަވެރީންގެ ސިފަތައް

ފަހުގެ ދީން

ރަމަޟާންމަސް ފެށިގެން ގޮސް ދެބައިވަނީއެވެ. އަޅުގަނޑުމެން މި ދަނީ މާތް ﷲ އަށް ތަޤްވާވެރިވެ ރޯދަ ހިފަމުންނެވެ. ކޮންމެއަކަސް، ރޯދަވެރިއެއްގެ ކިބައިގައި ހުންނާނޭ ސިފަތައް އިހުސާސްކޮށް ދެނެގަތުމަށް އެންމެ ފަސޭހަވާނީ މި މަހުގައެވެ.

ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވައިފައި ވެއެވެ. “لَيْسَ الصِّيامُ مِنَ الْأَكْلِ وَالشُّرْبِ، إِنَّمَا الصِّيَامُ مِنَ اللَّغْوِ والرَّفَثِ” (صحيح ابن خزيـمة) މާނައީ: “ރޯދަހިފުމަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުވެހުރުމެއް ނޫނެވެ. އެހެނެއް ކަމަކު ހަމަކަށަވަރުން އެއީ، ދޮގު ވާހަކަ ދެއްކުމާއި ޝަހުވާނީ އެދުންތަކުން ވެސް ދުރުހެލިވުމެވެ.” މި ހަދީޘަށް ވިސްނާ ފިކުރު ހިންގާލާށެވެ. އަޅުގަނޑުމެން ރޯދަހިފުމުގައި ކުރާ ހަމައެކަނި ކަމަކީ ކެއުމާއި ބުއިމުން ދުރުހެލިވެ ތިބުންތޯއެވެ؟ ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ބަޔާންކުރެއްވި ފަދައިން، ދޮގު ވާހަކަ ދެއްކުމާއި ޝަހުވާނީ އެދުންތަކުން އެބަ ދުރުވެވޭތޯއެވެ؟ މަގުމައްޗާއި އޮފީހުގައި ނުވަތަ ޓީވީ ދޮށުގައި، ނޫންނަމަ ފޯނާ އެކު ހޭދަކުރާ ވަގުތުތަކުގައި ތިބާގެ ޢަމަލުތައް ހުރީ ރޯދަވެރިއެއްގެ ސިފަތަކާ އެއްގޮތަށްތޯ ވިސްނާލާށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރޯދަ ގެއްލިދާނެ ހުރިހާ ކަމަކުން ދުރުހެލިވުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުއެވެ. އެވަރުން އަދި ރޯދަވެރިޔާޔަކަށް ނުފުދެއެވެ. ރޯދަ ފަސާދަވެ ރޯދައިގެ ޘަވާބު އުނިވާނޭ އެންމެހާ ޢަމަލުތަކުން ދުރުހެލިވުމަކީ ވެސް ޙަޤީޤީ ރޯދަވެރިއެއްގެ ސިފައެކެވެ. އިމާމް އަލްބައިހަޤީ ޝުޢަބުލްއީމާނުގައި ލިޔުއްވައިފައިވެއެވެ. “ޖާބިރު ބިން ޢަބްދު ﷲ އަރިހުން އައިސްފައިވެއެވެ. ފަހެ، ތިޔަބައިމީހުން ރޯދަހިފާ ނަމަ، ތިޔަބައިމީހުންގެ ކަންފަތާއި، ތިޔަބައިމީހުންގެ ލޯތަކާއި، ތިޔަބައިމީހުންގެ ވާހަކަތަކުން ރޯދަ ހިފާށެވެ! އަދި ދޮގު ވާހަކަތަކާ ދުރުހެލިވާށެވެ! އަދި އެންމެހާ ހަރާމް ކަންކަމާ ދުރުހެލިވާށެވެ. އަދި ރޯދައަށް ތިބޭ ދުވަހު ތިޔަބައިމީހުން ހަމަހިމޭން ވާހުށިކަމެވެ! ތިޔަބައިމީހުން ރޯދަ ނުހިފާ ދުވަސްތަކާއި، ތިޔަބައިމީހުން ރޯދަހިފާ ދުވަސްތައް އެއް ހަމައަކަށް ނުބަހައްޓާށެވެ!”

ދެން ރޯދަވެރިއެއްގެ ފަރާތުން ފެންނާނޭ އެންމެ މުހިންމު އަނެއް ސިފައަކީ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ. ޚާއްޞަކޮށް މި މަހުގައި ކުރެވޭ އިސްރާފުތަކުން ދުރުހެލިވުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ ‎(الأعراف: ٣١)‏ މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.” މި ކަމަށް ސަމާލުވާށެވެ. އިސްރާފުނުކުރާށެވެ.

އަދި ތައްޔާރުކުރާ ކާނާ ގާތްތިމާގެ މީހުންނާއި އަވަށްޓެރީންނަށް ފޯރުކޮށްދޭށެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންނަށް ވެސް ރޯދަވީއްލާނެ އެއްޗެއް ދިނުމަކީ ރޯދަވެރިންގެ ކިބައިގައި ހުރުން ރަނގަޅު ސިފައެކެވެ. ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. “مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ، غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا” (الترمذي) މާނައީ: “ރޯދަވެރިއަކަށް ރޯދަވީއްލުމެއް ދީފި މީހަކަށް، އެ ރޯދަވެރިޔާއަށް ލިބޭ މިންވަރުގެ އަޖުރެއް ހުއްޓެވެ. އެއީ ރޯދަވެރިޔާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމަކާ ނުލައެވެ.” ރޯދަވެރީންގެ ހުންނާން ޖެހޭ މިފަދަ ސިފަތައް ލިބިގަތުމަށް މި މަހުގައި ގަދައަޅައި މަސައްކަތްކުރާށެވެ.

“ދީނުގެމަގު”ގެ ހެޔޮއެދުންތަކާއެކު ✍️ مُحَمَّد سَمُوْح سَعِيْد

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ