އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެސްޓީއޯއިން މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނުގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ އަދި އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށެވެ. އަދި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަކީ ކުންފުނިން ބާރުއަޅާކަމެއްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެކަމުގެ ސަބަބުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާކަމަށެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު ފޮނުވަންޖެހޭނީ cs@sto.mv އަށް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ހަދާފައިވާ ޕްލެޓްފޯމް މެދުވެރިކޮށެވެ. ފޯމް ފޮނުވުމުގެ ސުންގަޑިއަކީ 24 އޭޕްރީލް 2023ގެ ހެނދުނު 10:00 އެވެ.
އެސްޓީއޯގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުން ނޮމިނޭޓް ކޮށްދެއްވުމަށް އެދި ޕީސީބީއަށްވެސް މިއަދު ވަނީ ނޯޓިސް ފޮނުވައިފައެވެ.