3 ޤައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންނަށް ރުހުންދީފި

ޚަބަރު ފަހުގެ

3 ގައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮން-ރެސިޑެންޓް ސަފީރުންނަށް، މަޖިލީހުގެ މަޝްވަރާ ހޯއްދަވައި ގޮތެއް ނިނެމްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކުރުމަށްފަހު އަންގާރަ ދުވަހު ވަނީ ރުހުން ދިނުމާއި ގުޅޭގޮތުން ވޯޓު ނަގާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް – ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށާއި، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު – ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރުހުން ދިނުމަށް 52 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ޢަލީ ފާއިޒަކީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި، ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޕޮލިސް ބޯޑުގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ޢަބްދުލްޣަފޫރަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

މަޖިލީހުގެ ވޯޓިންގ ސިިސްޓަމުގައި ދިމާވި މައްސަލައަކާއި ގުޅިގެން، ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާމިނަތު ޝަބީނާ – އިތިއޯޕިއާ އަދި ކެންޔާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުން ރުހުން ހޯދުމަށް ވޯޓު ނަގާފައިވަނ ރޯލް ކޯލްގެ އުސޫލުގެ ދަށުންނެވެ. ރުހުން ދިނުމަށް 55 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އާމިނަތު ޝަބީނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައެވެ. ޝަބީނާއަކީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްލުކުރައްވާފައިވާ ބޭފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ