އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެދީނަށް ވާތީ : ޑރ. ޢަލީ ޒާހިރު

ފަހުގެ ދީން

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދަނީ މި ދީނަކީ ޙައްޤުގެދީނަށް ވާތީކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އިޙްޔާ ފޯރަމްތަކުގެ 11 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވާފައިވަނީ ޑރ. ޢަލީ ޒާހިރާއި އައްޝައިޚް ނަޞްރުﷲ ޢަލީއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭނުންވާކަމަށެވެ. އެނޫން ގޮތަކަށް އުޅޭނަމަ ވަރަށް ބޮޑެތި މައްސަލަތަކެއް ދިމާވާނެކަމަށާއި ދީނެއް ނެތި މީހާ އުޅެންފަށައިފިނަމަ ހެވާއި ނުބައި، ޙައްޤާއި ބާތިލް ވަކިނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާތްﷲގެ ވަޙީ ބަސްފުޅަށް ބައްލަވަމުން، އިސްލާމްދީން ފިޔަވާ އެހެން ދީނެއް ހޯދައިގެންފި މީހާގެ ކިބައިން ހަމަހިލާ އެކަން ޤަބޫލު ނުކުރައްވާނެކަމަށާއި މާތްﷲގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

ބައެއް މީހުން ދީން ޤަބޫލު ނުކުރާކަމަށް ދައްކާ ވާހަކަތަކަށް ބައްލަވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އެފަދަ މީހުން އެ ހަދަނީ ދޮގުކަމަށެވެ. ސަބަބަކީ ކޮންމެ މީހަކީވެސް ރުހުމުގައިވެސް، އަދި ނުރުހުމުގައިވެސް ކޮންމެވެސް ދީނަކަށް ތަބަޢަވާ މީހަކަށް ވާތީކަމަށް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީންކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޢަލީ ޒާހިރުވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކަށްވެސް މި ފޯރަމްގައި ބައްލަވާލައްވާފައެވެ. އެގޮތުން ޣައިރު މުސްލިމުންގެ ބަޔަކު، 2015 އިން 2060 ވަނަ އަހަރަށް ދުނިޔޭގެ އާބާދީއާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާއަށް ބައްލަވަމުން، އެ ދިރާސާގައި ހުރިހާ ދީންތަކެއްގެ މައްޗަށް ކުރިހޯދާނެ ދީނަކީ އިސްލާމްދީންކަމަށް ފާހަގަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިފަދައިން އިސްލާމްދީން ކުރިހޯދަމުންދަނީ، އިސްލާމްދީން މިހާ ބާރުމިނެއްގައި ފެތުރެމުންދަނީ، މި ދީން މީހުންނަށް މިހާ މަޤްބޫލުދީނަކަށް ވެގެންދަނީ މިއީ ޙައްޤުގެ ދީންކަމުގައިވާތީއާއި މި ދީނުގައިވާ ލުއިފަސޭހަކަމާއި، ހަމަހަމަކަމާއި، މިއީ އުންމީދު ގެނެސްދޭ ދީނަކަށްވާތީއާއި، އިޖުތިމާޢީ، ދީނީ ރޫހުއާލާވާ، ޢަދުލުވެރި ދީނަކަށް ވާތީކަމަށް ވިދާޅުވިއެވެ.

އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަމުންދާ ސަބަބުތަކާއި ގުޅޭގޮތުން މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވީ މާތްﷲގެ ހަޟްރަތުގައި ޤިޔާމަތާހަމައަށްވެސް ރުހިވޮޑިގަންނަވާ ދީނަކީ އިސްލާމްދީންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މާތްﷲ އަންގަވާފައިވާ ގޮތަށް އިސްލާމްދީނުގައި ސާބިތުވެ ތިބެންޖެހޭކަމަށާއި މިފަދައިން ޢަމަލުތައް ބެހެއްޓުމުން ޣައިރު މުސްލިމުންނަށް ފެނިގެންދަނީ ނަމޫނާ ދީނެއްގައި މުސްލިމުން އުޅެމުންދާތަން ކަމަށް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އިސްލާމްދީނަކީ މަޤްބޫލު ދީނަކަށްވެގެންދާކަންވެސް ފާހަގަކުރެއްވިއެވެ. އިސްލާމްދީނަކީ ހުރިހާ އެންމެންނަށް އޮތް ދީނެއްކަމަށް ވިދާޅުވެ، ރަސޫލާ ﷺގެ ޒަމާނުގައި ހިނގައިދިޔަ ޢިބްރަތްތެރި ޙާދިސާތަކަށް ބައްލަވާލެއްވިއެވެ. މި ދީނަކީ އިންސާނާއަށް ހިތްހަމަޖެހުން ގެނުވާ، ދީނެއްކަން ފާހަގަކުރައްވާ މި ދީނުގައި އިންސާނުންނަށް ލުއި ފަސޭހަކަން ދެއްވާފައިވަނީ ވަކި އުސޫލުތަކަކާއި އިންތަކަކާއިއެކުގައިކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި، ޣައިރު މުސްލިމުންގެ މެދުގައި އިސްލާމްދީން މަޤްބޫލު ދީނަކަށްވާ ސަބަބުތަކާއި، ދީން އެހާބޮޑަށް ފެތުރެނީ ކީއްވެކަންކަމާއި، މި ދީނުގެ ހުރި ފުރިހަމަކަމާއި ރަނގަޅުކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ