ޕްލާސްޓިކް ކޮތަޅު އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލު ލިބޭނެ: ސަރުކާރު

ޚަބަރު ފަހުގެ

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްކުރެއްވުމުން، ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލުވެގެންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުން މިކަން ހާމަކުރައްވާ މިރޭ ބަޔާނެެއް ނެރުއްވީ، ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން އަންގާރަދުވަހުން ފަށައިގެން ފީއެއް ނަގަން ފެށުމާއެކު ކޮތަޅު ބޮނޑީގެ އަގު ވަރަށް ބޮޑަށް އުފުލުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ.

ޤާނޫނުގައި ބުނާ 4 މަސް ދުވަސް ހަމަވީ މިދިޔަ އަންގާރަދުވަހުއެވެ. އަންގާރަދުވަހު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އެންމެ ބޮޑަށް އާއްމުންގެ ތެރެއިން އިވެން ފެށީ ކޮތަޅު ބޮނޑީގެ އަގު އެތައް ގުނައެއް އުފުލުމުގެ ޝަކުވާއެވެ.

ކޮތަޅުން ފީ ނަގަން ފެށުމުން 25 ރުފިޔާއަށް ގަންނަން ލިބޭ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގުވަނީ 225 ރުފިޔާއަށް ބޮޑުވެފައެވެ. ކޮތަޅު ބޮނޑީގެ އަގު އެހާބޮޑަށް އުފުލުނީ ޤާނޫނު އޮތްގޮތުން ކޮތަޅު ބޮނޑީގެ އަގުގެ އިތުރުން އޭގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ވަކިން 2 ރުފިޔާގެ ފީއެއް ދައްކަންޖެހޭތީއެވެ.

ނަމަވެސް ސަރުކާރުން ކުނި މެނޭޖްކުރުމުގެ ޤާނޫނު އެކުލަވާލެއްވުމަށް މަޖިލީހަށް ބިލު ފޮނުއްވީ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުންކުރާ ވަކި ވަކި ޕްލާސްޓިކް ކޮތަޅުތަކުން ފީ ނެގުމަށެވެ. 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން މި ފީ ނެގުން އިސްތިސްނާކުރަން ސަރުކާރުން އޮތީ މާއްދާއެއް ހުށަހަޅުއްވާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މިކަމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ކުނި މެނޭޖްކުރުމުގެ ޤާނޫނު މަޖިލީހުން ފާސްކުރެއްވީ ކޮތަޅު ބޮނޑި ގަންނަނަމަ، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިސްތިސްނާވާނެހެން އޮތް މާއްދާ އުނިކުރުމަށްފަހުކަމަށެވެ.

އެ މާއްދާ އުނިކުރެވިފައިވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ހިދުމަތް ދިނުމަށް މުހިންމު ބިލަކަށް ވާތީ ސަރުކާރުން ނިންމެވީ ބިލު އަނބުރާ ފޮނުވާލެއްވުމުގެ ބަދަލުގައި ތަސްދީގުކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށްކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ފީީ ނެގުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ކޮތަޅު ބޮނޑި ހިމެނުމަށް މިދިޔަ މާޗުމަހު ތެރޭގައި ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ ފަރާތުން ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދުއެވެ. ސަރުކާރުން ވިދާޅުވީ މި އިސްލާހު ފާސްވެެގެންދިއުމާއެކު ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެންދިޔަ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ