ގއ. އަތޮޅުގެ 3 ރަށަކުން މަސްތުވާ ތަކެއްޗާއެކު 3 މީހުން ހައްޔަރުކުރައްވައިފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ގއ.އަތޮޅުގެ ތިން ރަށެއްގައި ހިންގެވި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކުރައްވައިފިއެވެ.

އެގޮތުން މިއޮޕަރޭޝަންތައް ހިންގަވާފައިވަނީ ގއ.ކަނޑުހުޅުދޫ، ދެއްވަދޫ އަދި ގެމަނަފުށީގައެވެ. މި ތިން ރަށުގެ ތެރެއިން ކަނޑުހުޅުދޫގައި ހިންގެވި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެމުންދާކަމުގެ މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަނާއި ކަނޑުހުޅުދޫ ޕޮލިސް ޑެސްކު ގުޅިގެން ހިންގެވި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ އެއޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ މީހަކު ހައްޔަރުކުރެއްވުމަށްފަހު، އެމީހާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރެއްވިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅުއްވާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ދެއްވަދޫގައި ހިންގެވި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މައުލޫމާތަކާއި ގުޅިގެން އެޕްރީލް 22 ވަނަ ދުވަހު ހިންގެވި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކު ހައްޔަރުކުރައްވައި، ބަލައިފާސްކުރަން އުޅުމުން އޭނާ އެއްލާލި ކަރުދާސްކޮޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކުރައްވާފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅުއްވާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އެޕްރީލް 21 ވަނަ ދުވަހު ގެމަނަފުށީގައި ހިންގެވި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ މީހަކު ހައްޔަރުކުރައްވާފައިވެއެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުުރެވޭ އެއްޗެއްހުރި 5 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރައްވާފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅުއްވާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދެއްވާފައެވެ.

މަސްތުވާތަކެތީގެ މި ތިން މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ