ތިން ޕްރޮޖެކްޓެއް ހިންގަން އިންޑިއާއިން ރާއްޖެއަށް 2.73 މިލިއަން ރުފިޔާ

ޚަބަރު ފަހުގެ

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން ކުރިއަށްގެންދާ ތިން މަޝްރޫއެއް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ. ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް” ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 ހައި އިމްޕެކްޓް ޕްރޮޖެކްޓްތައް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަމާއި ކުޅިވަރާއި ދަނޑުވެރިކަމާއި ސަގާފަތާއި ސިއްހީ އަދި ޖަޒީރާ އުމްރާނީ އާއި ތައުލީމީ ދާއިރާ ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ވެސް ދީފައެވެ. އެގޮތުން ހިލޭ އެހީގެ 46 މަޝްރޫއުގެ ތެރެއިން ޖުމްލަ 21 މަޝްރޫއެއް ނިންމައި އިފްތިތާހުކޮށް، އިތުރު ފަސް ޕްރޮޖެކްޓެއް އިފްތިތާޙުކުރުމަށް ތައްޔާރީތައްވަމުން އަންނަ އިރު އޭގެ ތެރޭގައި އައްޑޫގެ އިކޯ ޓޫރިޒަމް ޒޯންތަކާއި، ހއ. ހޯރަފުށީގައި ޤާއިމްކުރެވުނު ފެން ބަންދު ކުރާ ޕްލާންޓް އަދި ތ. ވޭމަންޑޫ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިމެނެއެވެ.

ހައި އިމްޕެކްޓް ޕްރޮޖެކްޓުތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްގީގެ ގުޅުމުގެ މުހިންމު ބައެކެވެ. މި މަޝްރޫއުތަކަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަކަށްވާއިރު، މި މަޝްރޫއުތަކުގެ ސަބަބުން އާންމުން އިންތިޚާބުކުރާ މަންދޫބުންގެ ގާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުން ކުރިއަށްގެންދާ ލާމަރުކަޒުކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ