ލީޑްސް އަތުން ޗެމްޕިއަން ލިވަޕޫލަށް އުނދަގޫ މޮޅެއް

ކުޅިވަރު ފަހުގެ

އައު ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު ފުުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ފަސް ލަނޑު ފެނިގެން ގޮސްފައެވެ. އަދި މި މެޗުގައި އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ ފޯވާޑް މުޙައްމަދު ސަލާހެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ލީޑްސްގެ ރޮބިން ކޮހްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ލިވަޕޫލަށް ލީޑު ހިފަހައްޓާލެވުނީ އަށް މިނެޓަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކަލްވިން ފިލިޕްސްގެ އެހީއާއެކު ޖެކް ހެރިސަން ވަނީ ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލިޑު ނެގީ 20 ވަނަ މިނެޓުގައެވެ. އެންޑީ ރޮބަޓްސަން ނަގައިދިން ކޯނަރަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލީޑްސްއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. ލިވަޕޫލްގެ ވެން ޑައިކް ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ބަމްފޯޑެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހު ކާމިޔާބުކޮށްދިން ލަނޑުން ލިވަޕޫލުން ވަނީ އަލުން ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، 66 ވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މަޓެއުޒް ކްލިޗް ވަނީ ލީޑްސްއަށް އަލުން ލީޑު ނަގާދީފައެވެ. މި މެޗުން ލިވަޕޫލް މޮޅުވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީއަކުން ސަލާހު ފުރިހަމަކުރި ހެޓްރިކާއެކުއެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލްގެ ފަބީނިއޯއަށް ލީޑްސްގެ ރޮޑްރިގޯ މޮރޭނޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހަނިގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަނުން މޮޅުވިއިރު، މިއީ ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލުން ބަލިނުވެ ހަމަކުރި 60 ވަނަ މެޗެވެ. ދެން ލީގުގައި ލިވަޕޫލުން މެޗެއް ކުޅޭނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ލިވަޕޫލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ