ސައްޚަ ނޫން ޓީޓީ ފޮނުވުމުން ޝިފާޢުގެ މައްޗަށް 23 ދައުވާއެއް

ޚަބަރު ފަހުގެ

ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި މއ. ހަނީސަކްލް، ހުސައިން ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ.

ޙުސައިން ޝިފާޢުގެ މައްޗަށް ދަޢުވާކުރައްވަނީ އިތުރު މީހަކާ ބައިވެރިވެގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމުގައިވާ “ކިންގްޑަމް އޮފް ފުރުޓްސް” މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދައިފައިވާ މައްސަލައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

އޭނާގެ މައްޗަށް އުފުއްލަވައިފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާ އާއި، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާ އާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއާއެކު، ޖުމްލަ 23 ދަޢުވާއެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޙުސައިން ޝިފާޢު މި ކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ.

މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ