ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އިންޑިއާއާއި ރާއްޖޭގެ ދިފާއީ ވަޒީރުން މަޝްވަރާކުރައްވައިފި

ޚަބަރު ފަހުގެ

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން އިންޑިއާއާއި ރާއްޖޭގެ ދިފާއީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ބާއްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިންގ، ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކާތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަރަޙައްދުގެ ސުލްޙަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އިޙްތިރާމް ކުރުމާއި ދެޤައުމު ގުޅިގެން ޤާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދެޤައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ. މިގޮތުން، ކައުންޓަރޓެރަރިޒަމާއި، ޑިޒާސްޓަރ މެނޭޖްމަންޓާއި، ސައިބަރ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއްޤައުމުން އަނެއްޤައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މި ބައްދަލުވުމުގައި ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، އިންޑިޔާއިން ދިވެހި އަސްކަރިއްޔާއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މިގޮތުން، ދިފާޢީ އަދި އިޤްތިޞާދީ ދާއިރާއިން ޤާބިލްކަން އިތުރުކުރުމާއި، ދެޤައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައިވެސް އިތުރަށް ހަރުދަނާކުރުމުގެ މުހިއްމުކަން ދެބޭފުޅުންވެސް ވަނީ ފާހަގަ ކުރައްވައި، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ދިފާޢީ ވަޒީރުގެ ނައިބު އަލްއުސްތާޒު ޙަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުލް ލަތީފް ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ