އިއްޔެގެ އެއްވުމުން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

ޚަބަރު ފަހުގެ

ސަރުކާރާ ދެކޮޅަށް މާލޭގައި އިއްޔެ ބޭއްވި އެއްވުމާ ގުޅިގެން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި އެވެ.

އިއްޔެ އެންމެ ފުރަތަމަ ބާއްވަން މަސައްކަތް ކުރީ ސައިކަލު ބުރެކެވެ. ނަމަވެސް ފުލުހުން އެ ސައިކަލު ބުރު ހުއްޓުވުމުން ވަނީ އެއްވުމަކަށް ބަދަލުކޮށްލާފަ އެވެ. އެއްވުމުން ޖުމްލަ 41 މީހުން ހައްޔަރުކުރި އެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހައްޔަރުކުރި އެންމެންވެސް އެޗްޕީއޭގެ ގައިޑް ލައިންތަކާ ހިލާފުވެފައިވާތީ ޖޫރިމަނާ ކުރި ކަމަށެވެ. ނަމަވެސް އެއްވެސް މީހެއްގެ ލައިސަންސް ނުހިފަހައްޓާ ކަމަށް ބުންޏެވެ. ޖޫރިމަނާކޮށްފައި ވަނީ ކޮންމެ މީހަކު 1000 ރުފިޔާއިންނެވެ. ޖުމްލަ ޖޫރިމަނާގެ އަދަދު 41،000 އަށް އަރަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްނުލާ ހުރީ އޭނާ ފުލުހުންނަށް އިންޒާރުދީފައިވާތީ ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެގެ އެއްވުމާ ގުޅިގެން އެއް ވެހިކަލް ޓޯވެސް ކުރިއެވެ. އަދި އަނެއް ބައި ވެހިކަލްތައް ނަގައި އެ ވެހިކަލްތައް އެހެން ހިސާބުތަކަށް ފުލުހުން ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެ ވެހިކަލް ޓޯ ކުރީ ރެޖިސްޓްރީ ދިމާނުވާތީ ކަމަށެވެ. އަދި ދެން ހުރި ވެހިކަލްތައް ވެރިފަރާތުން ގުޅުމުން އެ ވެހިކަލްތައް ހުރި ސަރަހައްދު ބުނެދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެ އެއްވުމުން ޕީޕީއެމްގެ ކައުންސިލް މެމްބަރުންނާއި ޕާޓީގެ އެކްޓިވިސްޓުން ހައްޔަރުކުރި އެވެ.

އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް މީގެ ދެ ހަފްތާ ކުރިން ޕީޕީއެމްއިން އެއްވުމެއް ބޭއްވި އެވެ. އެ މައްސަލައިގައި އެ ޕާޓީ 75،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އެއްވުމުގައި ބައިވެރިވި ޕާޓީގެ އިސް ބައެއް ބޭފުޅުން 1000 ރުފިޔާއިން ވެސް ޖޫރިމަނާކުރި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ