އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފި

ޚަބަރު ފަހުގެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީން ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ގާއިމްކުރުމާ ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން އަންނަ ދަތުރުވެރިން ޗެކްއިންވުމަށް ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ.

ދުނިޔޭގައި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއަށް އަހުލުވެރި އަދި ތިމާވެށްޓާއި ރައްޓެހި، އިޤްތިޞާދީގޮތުން ކުރިއަރަމުންދާ ޤައުމެއް، ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ބޭނުންކުރަމުންދާ އައިޑެންޓިޓީގެ ނިޒާމަކީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2012 ވަނަ އަހަރުއެވެ. އޭރު ތަޢާރުފްކުރި އީފާސް ނުވަތަ އިލެކްޓްރޯނިކް އައިޑެންޓިޓީ ކާޑަކީ ހަމައެކަނި އޮންލައިން ބޭނުންތަކުގައި، ކާކުކަން ކަށަވަރުކުރުމަށް ސަރުކާރުގެ އެކި އިދާރާތަކުން ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސަރުކާރުން ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކުރުމުގެ ވައުދު ފުއްދަވައި، އެ ހިދުމަތް ތައާރަފްކޮށްފައިވާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންކުރާ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޓެންޓިޓީ ކާޑު ބަލައިގަންނަން މިހާރު ވަނީ ފަށާފައެެވެ.

އެމްއޭސީއެލްއިން ބުނީ އެތެރޭގެ އުދުހުންތަކުގައިވެސް ފުރަން އަންނަ ފަސިންޖަރުން ޗެކިންގވުމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ދާސާ) އިން ބަލައިގަންނަ ލިޔެކިޔުންތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޗެކިން ކައުންޓަރުތަކުންވެސް ބަލައިގަންނާނެއެވެ. އެއަރލައިން ޓިކެޓް ގަތުމަށާއި، އެއަރލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީ ބަލައިގަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ޑިޖިޓަލް އައިޑެންޓީޓީ އިތުރުން ޗެކިންވާއިރު ބަލައިގަންނާނީ މުއްދަތު ހަމަނުވާ،

  • ޕާސްޕޯޓް،
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
  • ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
  • އެއަރޕޯޓް ސެކިއުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރުކުރިއެރުމެކެވެ. ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާއިއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެކުންފުނިން ބުނެއެވެ.

ޑިޖިޓަލް އައިޑީކާޑު ފަރުމާކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. ނަމަވެސް ކުރިއަށް އޮތްތާނުގައި އެކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެގޮތް ވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ވިދާޅުވެއެވެ. އެހެންނަމަވެސް އެއް މުއައްސަސާ އަނެއް މުއައްސަސާގައި ބަދަލުކުރާ މަޢުލޫމާތު ހުންނާނީ އިދާރާއިން ބޭނުންވާ ބަހަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ