އިހުސާންތެރިވުމަށް ހުރިހާ ފަނޑިޔާރުންވެސް ސަމާލުކަންދޭންޖެހޭ: އުއްތަމަ ފަނޑިޔާރު

ޚަބަރު ފަހުގެ

ފަނޑިޔާރުންގެ މަސައްކަތުގައި އިހުސާންތެރިވުމަށް ސަމާލުކަންދެއްވުމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އިލްތިމާސްކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިކަމަށް އިލްތިމާސް ކުރެއްވީ ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހއ.ބާރަށު ކައުންސިލާ ޙަވާލުކޮށްގެން ކުރި މަސައްކަތެކެވެ. މީގެކުރިން އެ ރަށުގައި ބޭނުންކުރަމުންދިޔަ ކޯޓު އިމާރާތަކީ ކޮޓަރިއެއްގެ ޖާގައިގެ ތަނެއްގައި ހިންގަމުންދިޔަ ކޯޓެއްކަމުން، ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ މަސައްކަތް އޮތީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ބާރަށުގައި އަލަށް އިމާރާތްކުރި ކޯޓު އިމާރާތް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވަނީ އަދުލްއިންސާފު ޤާއިމްކުރުމުގެ މަސައްކަތްތަކާއި، ފަނޑިޔާރުން ސަމާލުކަން ދޭންވީ ކަންކަމަށް އަލިއްއަޅުއްވާލައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދުނިޔެއަަށް އަންނަމުންދާ ބަދަލުތަކާއެކު ހަލުވި ސްޕީޑެއްގައި ކަންކަން ތަރައްޤީވެ އަވަސްވަމުންދާއިރު ޢަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތްވެސް ތަރައްޤީކޮށް، ދުވެލި ހަލުވި ކުރަންޖެހޭކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ފަނޑިޔާރުންގެ މަސައްކަތުގެ ދަށުން އަދުލު އިންސާފު ފޯރުކޮށްދިނުމާއެކު، އިހުސާންތެރިވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ހުރިހާ ފަނޑިޔާރުންނަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން ޤާނޫނު އަސާސީން ހައްގުތައް ކަށަވަރުކޮށްދެވޭއިރު، ހައްގުތަކާއެކު މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއްވެސް ކޮންމެ މީހަކަށް އޮންނަކަން ހަނދާންކުރަންޖެހޭ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައެވެ.

ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ޝަރީޢަތްކުރާނެ ވަކި 2 މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ޚާއްޞަކުރެވިފައިވާ ބައިތަކުގެ އިތުރުން ސްޓޭންޑަރޑް ކޯޓެއްގައި ފުރިހަމަވާންޖެހޭ ގިނަ ކަންކަން ހިމެނޭގޮތަށެވެ. އޭގެ ތެރޭގައި ކޯޓަށް ހާޒިރުވާ ވަކީލުން މަޑުކުރުމަށް ހާއްސަ ރޫމަކާއި، ޕޮލިސް ޕޯސްޓަކާއެކު ކުށުގެ ތުހުމަތުގައި ހާޟިރުކުރެވޭ ފަރާތްތައް ވަކިން ބައިތިއްބާނެ ތަނަކާއި، ކޮންފަރެންސް ރޫމް އަދި ޝަރުޢީ ލިޔެކިޔުންތައް އަރުޝީފް ކުރާނެ ޖާގައިގެ އިތުރުން ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަވާނެހެން ރިސެޕްޝަން އޭރިއާއަކާއި ވެއިޓިންގ އޭރިއެއް މިކޯޓުގައި ހިމެނޭ ހިމެނެއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ ހއ.މުރައިދޫ މެޖިސްޓްރޭޓް ކޯޓު، ހއ.ވަށަފަރު މެޖިސްޓްރޭޓް ކޯޓު އަދި ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި ދަތުރުފުޅުގައި ހއ.އިހަވަންދޫ، ހއ.ހޯރަފުށި އަދި ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ