ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެއްޓުމަށް ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިއަދަކީ އާ ދަތުރަކަށް އާ މަންޒިލަކަށް ދާން އެމްޑީޕީން ދަތުރު ފަށާ ދުވަސް ކަމަށާއި މި ދަތުރުގެ މަންޒިލަކީ އުފާވެރި، އަމާން ރާއްޖެއެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބަ އޮތެވެ. މިފަހަރު އެމްޑީޕީ އޮތީ ތަފާތުކޮށް، ގަދަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
“މިފަހަރު މި ދަތުރުގެ ތަފާތަކީ އަޅުގަނޑުމެން މި ތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް، އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފައި، ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު އިންޖީނު އަޅާލާފައިމިވަނީ،” ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ކުރިން ރާއްޖެ ދުށް އަނިޔާވެރިކަން އަލުން ރުޖޫއަކުރުމަށް ދިވެހި ރައްޔިތުން އެއްވެސް ޖާގައެއް ނުދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.