އަންނަ އަހަރުގެ މަޖިލީހަށް 2 ސިޓީއަކާއި، 3 އަތޮޅަކުން އިތުރު ދާއިރާތަކެއް

ޚަބަރު ފަހުގެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހަށް 2 ސިޓީއަކާއި، 3 އަތޮޅަކުން އިތުރު ދާއިރާތަކެއް އިތުރުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ޤާނޫނީ ގޮތުން ދާއިރާތަކަށް އަންނަ ބަދަލުތަކުގެ މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅިގެންދަނީ، އާބާދީގެ ނިސްބަތަށް ބަލައި، އަންނަ ބަދަލުތަކުގެ މައްޗަށެވެ. ޤާނޫނު އަސާސީގައި ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިޚާބު ކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރައްވަމުންދާއިރު، ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ މަސައްކަތްތައްވެސް ކޮމިޝަނުން ކުރަމުންދާކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ 10 މަސް ދުވަހުގެ ކުރިން، ކުރިއަށް އޮތް ދައުރަށް މަޖިލީހަށް އިތުރުވާ ދާއިރާތަކާއި، އާބާދީގެ ނިސްބަތް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވަން ޖެހެއެވެ.

ކޮމިޝަންގެ ނައިބް ރައީސް ހަބީބް ވިދާޅުވީ މި މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރައްވަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތާއި، ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު 2 ސިޓީ ކައުންސިލަކާއި، 3 އަތޮޅަކަށް ދާއިރާތަކެއް އިތުރުވެގެންދާނެކަމަށެވެ.

ކޮމިޝަނުން ކުރަމުންދާ މަސައްކަތަކަށް ފަހުން މިމަހުގެ 27 ވަނަ ދުވަހު އިތުރުވާ ދާއިރާތަކާއި އެކަމުގެ މަޢުލޫމާތު ހިމެނޭ ރިޕޯޓް އާންމު ކުރައްވާނެކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ދާއިމީ ރިޕޯޓް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޢާންމު ކުރާނެކަމަށް ހަބީބް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ