މިސްރާބު އަމާޒުކުރަންވީ، ހަމަޖެހުމާއި ޞުލްޙަވެރިކަމުގައި ޤައުމު ބިނާކުރުމަށް: ރައީސް

ޚަބަރު ފަހުގެ

ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އިޝްތިހާރު
އިޝްތިހާރު

1445 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ހިތާބުގައި ވިދާޅުވީ ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާ ގުޅިފައިވާ ކަންކަމުން ތަޞައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ޞުލްޙަވެރިކަމަށް އިންސާނީ ޠަބީޢަތު މުހުތާދުވެފައިވާ މިންވަރުކަމަށެވެ. އަދި ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވިއެވެ.

“މާތް ނަބިއްޔާ ކޮށްޓަވައިދެއްވި މަގުގައި ސާބިތުވެ ތިއްބެވި އެކަލޭގެފާނުގެ މިތުރު ޞަޙާބީން ދައްކަވައިދެއްވީ، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ އެންމެ މަތިވެރި ނަމޫނާ” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވީ ޤައުމީ ތަރައްޤީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ޞުލްޙަވެރިކަމުގެ މަތީގައި ޤައުމު ބިނާކުރުމަށްކަމަށެވެ. އަދި އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ޤައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ޤައުމު ފޯރުކޮށްދޭންޖެހޭކަމަށްވެސް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

“ބައިބައިވުމާއި ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން ދޫކޮށްލައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތީގައި ސާބިތުވެ ތިބެ، ކޮންމެ ކަމެއްގައި ވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް، މި އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވަނީ ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ މުނާސަަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ