ކޮންމެ ޙާލަތެއްގައިވެސް، ޤައުމުގެ އަގާއި، އަދަބު އަޚްލާޤުގައި ސާބިތުވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ޚަބަރު ފަހުގެ

ކޮންމެ ޙާލަތެއްގައިވެސް، ޤައުމުގެ އަގު ހިފަހައްޓައި އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ކުރިއަށްދިޔަ 25 ވަނަ ވޯލްޑް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ކޮންމެ ޙާލަތެއްގައިވެސް، ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވައި އެކަމަށް ޖަމްބޮރީގެ ބައިވެރިންނަށް މަގު ދެއްކުމަށް ސްކައުޓުންނާ ، ގައިޑުންގެ ލީޑަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަމްބޮރީގައި އުޅޭއިރު، އެ ޤައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި ޖަމްބޮރީގެ ޤަވާޢިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަމްބޮރީގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުޞަތުތަކެއް ތަޖުރިބާ ކުރަން ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރައްވައި، އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއް ކަމުގައި ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެކުނު ކޮރެއާގައި ބާއްވާ މިއަހަރުގެ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ދިވެއްސަކު ހިމެނުމަކީ އެކަމުގެ ހެއްކެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޖަމްބޮރީގެ ޕްލޭނިންގ ޓީމުގައި ހިމެނޭ ދިވެހި ސްކައުޓް ލީޑަރ ޢަލީ ޝަފާޢަތު މަނިކަށް ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނުވަނީ، ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ސާބިތުކޮށްދީ، ހިތްވަރުގަދަ ކެތްތެރި ދިވެހި ދަރިއަކަށްވުމަށް މަސައްކަތް ކުރުމަށް، ޖަމްބޮރީގެ ހުރިހާ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޗީފް ގައިޑް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ދިވެހި ކޮންޓިންޖެންޓް ލީޑަރ ސްކައުޓް އެސޯސިއޭޝަންގެ އިންޓަނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫނަށް ދިވެހި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ