ބ.ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ބ.އަތޮޅު ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ތުޅާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްވަނީ ސަރުކާރުން ސިއްޙީ ނިޒާމް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތައް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ތުޅާދޫގައި ހޮސްޕިޓަލް އެޅުމުން އެރަށާ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށްތަކަށާއި ރިސޯޓްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

ތުޅާދޫގައި ހޮސްޕިޓަލެއް އަޅައިދިނުމަކީ ރައީސް އިބްރާޙިމް މުހަމަދު ޞާލިޙްގެ ވައުދުފުޅެކެވެ.

ތުޅާދޫގައި މިހާރު ހުންނަނީ ސިއްޙީ މަރުކަޒެކެވެ. ޞިއްޙީ މަރުކަޒުގައި ވަރަށް މަދު ޚިދުމަތްތަކެއް ދެމުން އަންނައިރު ޞިއްޙީ މަރުކަޒުގައި މިހާރު ޚިދުމަތް ދެމުންދަނީ މެޑިކަލް އޮފިސަރުން އެކަންޏެވެ. މިރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވީ މިއަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ.

އެކަމޮޑޭޝަން ބްލޮކެއްވެސް ހިމެނޭހެން ތަރައްޤީކުރާ މި ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 124 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 18 މަސް ނުވަތަ 540 ދުވަހެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ކަނޑައަޅާފައި އޮތް މުއްދަތަށް ހޮސްޕިޓަލުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ