( 13 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ު”މިއޮތީ ނޯޓެއް.” އެ ގަނޑު ދިއްކޮށްލަމުން އެ ފުލުސް މީހާ ބުނެލިއެވެ. ޒަޔާން އެ ނޯޓުގައި ހިފިއެވެ. އޭގައި ވަނީ ޒައިނާގެ އަތުލިޔުމެވެ. އަވަސް އަވަހަށް ލިޔެފައި އޮތްކަން އެ އަތުލިޔުމަށް ބަލާލުމުން އެނގެއެވެ. ފެންކަޅިވެފައިވާ ހާލު އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަންފެށިއެވެ.
“ލޯބިވާ މަންމައަށް. މަންމަމެން މި ނޯޓު ކިޔާ އިރު އަޅުގަނޑު މި ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެ. މަންމަ ދިން ނަސޭހަތް ގަބޫލުކޮށް، ހިތްވަރު ކުރަން ވަރަށް ވަރަށް މަސައްކަތް ކުރިން. އެކަމަކު އެމީހާ ވަނީ އަޅުގަނޑުގެ ވީޑިއޯ އާއި ފޮޓޯވެސް ނަގާފަ. އަދި އެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ވަރަށް އަވަހަށް ލާނެ ވާހަކަ ބުނި. އެފަދަ ދުވަހެއް ދެކެން އަޅުގަނޑަކަށް ކެތެއް ނުވާނެ. ނާއިފްވެސް އަޅުގަނޑު ދޫކޮށްލައިފި. މަންމައާއި ބައްޕައަށް ހުރި ލަދެއް ކަމުގައި އަޅުގަނޑު ވާކަށް ނެތިން. ދުވަހަކުވެސް މަންމަމެން ހިތްދަތިވާ ކަހަލަ ކަމެއް ކުރެވިފައިވާނަމަ އަޅުގަނޑަށް މައާފު ކޮށްދެއްވާތި. އެމީހާ ކުރި މެސެޖްތަކާއި ފޮނުވި ވީޑިއޯތައް ފޯނުގައި ހުންނާނެ. ފޯނުގެ ކޯޑަކީ 1807. ޔާން ކޮއްކޮ ގާތު ބުނެދޭތި ދެން މި މައްސަލަ އިތުރަށް ނުބެލުމަށް. އެމީހާ ޔާން އަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ. އަޅުގަނޑާއި ހެދި ޔާންގެ ފުރާނައަށް ނުރައްކާ ވާކަށް ނޭދެން. އެންމެން ދެކެވެސް ވަރަށް ލޯބިވޭ. ޒައިނާ.”
ނޯޓު ކިޔާ ނިމުނު އިރު ޒަޔާންއަށް ރަނގަޅަށް ރޮވިއްޖެއެވެ. ޒަޔާންއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީއެވެ. އެރޭ އެމީހާ ބުނި ގޮތަށް ކަން ކުރުމަށް އެއްބަސް ވީ ނަމަ މިއަދު އޭނާގެ ދައްތައަށް މިފަދަ ފިޔަވަޅެއް އެޅުމަށް މަޖުބޫރު ނުވީސް ކަންނޭގެއެވެ. ކަކުލު ހުޅުން ވާގި ދޫވެ ދޮރު ބުޑަށް އޭނާ ތިރިވިއެވެ. އޭނާގެ ދައްތަ އެފަދަ ގޮތަކަށް ވަކިވެގެން ގޮސްދާނެ ކަމަކަށް ޒަޔާން ދުވަހަކުވެސް ހިޔެއް ނުކުރެއެވެެ.
“ދޮންތަ، ކުޑަ ހިތްވަރެއް ކޮށްލި ނަމަ…” އެނދު މަތީގައި ބާއްވާފައި އޮތް ޒައިނާގެ ހަށިގަނޑު މަތީގައި މިހާރު އޮތީ ހުދު ފޮތިގަނޑެއް އަޅާފައެވެ. އެނދާ ދިމާލަށް ބަލަން އިނދެ ޒަޔާން ހިތާހިތުން ޝަކުވާ ކުރިއެވެ. އޭނާގެ އާއިލާއަށް މިދަފަ ދެރައެއް ދިމާވީ ކިއްވެ ހެއްޔެވެ؟ އިރުކޮޅަކު އެހެން އިނުމަށްފަހު ޒަޔާން ތެދުވިއެވެ. އަދި އެނދުގެ ސައިޑް ޓޭބަލްގައި ބާއްވާފައި އޮތް ޒައިނާގެ ފޯނު ނެގިއެވެ. އަދި ޒައިނާ ލިޔެފައިވާ ކޯޑުން އެ ފޯނު ހުޅުވާލިއެވެ. އޭނާ ފުރަތަމަވެސް ބެލީ އެ ފޯނުގައި ހުރި މެސެޖުތަކެވެ. ވައިބާ ހުޅުވާލުމާއެކު، ޒަޔާންއަށް ކުރިން ރޭ ގުޅި ނަންބަރުން އެފޯނަށް މެސެޖުތަކެއް އައިސްފައި ހުރި ތަން ފެނުނެވެ.
“ޒައިނާގެ ކޮއްކޮ ޒަޔާން އަކީ ހާދަ ގޮތް ދޫ ނުކުރާ ކުއްޖެކޭ. ކުޑަކޮށް ގަމާރުވެސް ކުއްޖެއް. އޭނަ ހީކުރީ އަހަރެންގެ ފޯނުގަ އެކަނި ކަމަށް ޒައިނާގެ ވީޑިއޯތައް ހުރީ. ބޭނުން ވަރަކަށް ލާރި ދީފަ މައްސަލަ ނަގާދޭށޭ ބުނީމަ އޭނަ އަހަންނަށް އިންޒާރު ދީފަ ނުކުމެގެން ދިޔައީ. ދެން ޖެހޭނީ މި ވީޑިއޯ ތަކުގެ ބޭނުން ހިފާކަށްނު.” އެއް މެސެޖުގައި ލިޔެފައި އޮތެވެ. ދެން ހުރީ ޒަޔާންއަށް ބަލަން ނުކެރޭ ފަދަ ފޮތޯ ތަކެކެވެ. ހުރި ވީޑިއޯތައް ނުބަަލަން ޒަޔާން ނިންމިއެވެ. އޭނާގެ ހިތުގައި ދައްތައަށް ދެވިފައިވާ ގަދަރު އެއަށްވުރެ މާ ބޮޑެވެ.
“ދެން އޮތީ އެންމެ ގޮތެއް. ޒައިނާ އަމިއްލައަށް މަރުވުން. އެންމެންގެ ކުރިމަތީގަ ފަލީހަތް ވުމަށްވުރެ މާ ރަނގަޅުވާނެ އެގޮތްވެސް. މި ވީޑިއޯތައް ލީކު ކޮށްލުމަށް ފަހު ދެން ވަރަށް އުނދަގޫވާނެ އުޅެން. އަނެއްކޮޅުން ޒައިނާ ތިއިނީ ބަލިވެ. މި ބުނާ އެއްޗެއް އެގިއްޖެ ދޯ.” އެންމެ ފަހު މެސެޖް ކިޔާލުމުން ޒަޔާންގެ ހިތާމަވެރި މޫނުން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފާޅުވިއެވެ. އޭނާގެ ދައްތަ އަމިއްލައަށް މަރުވީކީ ނޫނޭ ޒަޔާން ހިތަށް އެރިއެވެ. އަދި އޭނާގެ ދައްތަ މަރާލި މީހާ އެކަމުން ސަލާމަތްވިޔަ ނުދިނުމަށް ޒަޔާންއަށް ކުރެވުނު ކަމެއް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. ކެކި ކެކި ހުރި ރުޅިގަނޑާއި އެކު ޒަޔާން ވަގުތުން ފޯނު ނެގިއެވެ. އަދި ޒަޔާންއަށް ގުޅި ނަންބަރަށް ޑައިލް ކޮށްލިއެވެ. އެ ނަންބަރު ނިއްވާލާފައި އޮތުމުން ޒަޔާންގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެވެ. ނަމަވެސް މިވަގުތު ދެން ހަދާނެ އިތުރު ގޮތެއް ނެތް ކަން އޭނާއަށް ވިސްނުނެވެ.
އިރުކޮޅެއް ފަހުން ޒައިނާގެ ހަށިގަނޑު ގެންދިޔުމަށް ހުދު ޔުނީފޯމުގައި ތިބި ބައެއް އެ ކޮޓަރިއަށް ވަނެވެ. އެމީހުން ނިކުތުމުން ޒަޔާންވެސް އެމީހުންގެ ފަހަތުން ދިޔައެވެ. ޒައިނާގެ ހަށިގަނޑު ކޮޓަރިން ބޭރަށް ނެއްލުމާއެކު ސިޓިންގ ރޫމުގައި ގަބު ވެފައި އިން ޒީނާ ކުއްލިއަކަށް ހޭއެރި ކަހަލައެވެ. އެމީހުން ހިފައިގެން ތިބި އަށީގައި އޮތް އޭނާގެ ދަރިފުޅު ނުގެންދިޔުމަށް އާދޭސް ކުރަން ފެށިއެވެ. އަދި ޒައިނާ މަރު ނުވާ ކަމަށް ބުނަމުން ދިޔައެވެ. އޭނާ އެމީހުންނާއި އެއްކޮށް ދާން ގަދަ ހެދުމުން، ޔާސިރުއާއި ޒަޔާންއަށް އޭނާ ހިފަހައްޓާލެވުނީ ކިރިޔާއެވެ.
“ޒީނާ.. ދެން ނުރޮއި ހުއްޓާލާ. މީ އަހަރެމެންނަށް ކުރިމަތިވި އިމްތިހާނެއް. ކެތްތެރިވޭ.” ޒީނާ އެހެން އުލޭތަން ފެނުމުން ޔާސިރުއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ އަނބިމީހާ މެޔާ ލާ ބޮނޑިކޮށްލަމުން ހިތްވަރު ދެވޭތޯ ޔާސިރު ބެލިއެވެ. “ތިހެން ރުއިމަށް ވުރެ ޒައިނާގެ ފާފަ ފުއްސަވާތޯ ދުއާާ ކުރުން މާ ރަނގަޅުވާނެ.” ޔާސިރު ޒީނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
ފުލުހުންގެ ތަހުގީގަށް އެގޭ ހުރިހާ އެންމެންނާއި ސުވާލު ކުރެވުނެވެ. ޒަޔާންވެސް އޭނާއަށް އެނގޭ ހުރިހާ މައުލޫމާތެއް ފުލުހުންނާއި ހިއްސާކުރިއެވެ.
“އެމީހާއަށް ކިޔަނީ އާޒިމް. އެމީހާގެ ރިސޯޓަކަށް ދައްތަ ދިޔައީ.” ޒަޔާން އެހެން ބުނުމާއެކު ފުލުސް މީހާގެ މޫނުން ހައިރާންކަން ފާޅުވިއެވެ. އޭނާއަށް އާޒިމް އެއީ ކާކުކަން އެނގޭ ކަހަލައެވެ.
“އަޅުގަނޑަށް އެމީހާ ދިހަ ލައްކަ ރުފިޔާވެސް ހުށަހެޅި މައްސަލަ ނަގަން. އަލުގަނޑު އެކަމާ ދެކޮޅު ހެދީމަ ދައްތަ ބްލެކްމެއިލް ކޮށްފަ.. އެއޮތީ މެސެޖްތައްވެސް ފެންނަން.” މޭޒުމަތީގައި ބާއްވާފައި އޮތް ޒައިނާގެ ފޯނަށް އިޝާރާތް ކުރަމުން ޒަޔާން ބުނެލިއެވެ. އޭނާގެ ރުޅިގަނޑު އަދިވެސް މައިތިރި ނުވާ ކަހަލައެވެ. ފުލުސް މިހާ ބޯ ޖަހާލަމުން އެގެއިން ނިކުތުމަށް ހިނގައިގަތެވެ. އަދި އިތުރު ކަމެއް ޖެހިއްޖެ ނަމަ ގުޅުމަށް ޒަޔާންގެ ނަންބަރު ނޯޓުކުރިއެވެ.
ފުލުހުންގެ ތަހުގީގުން، ޒައިނާ މަރުވީ އަމިއްލައަށް ދަން ޖެހިގެން ކަމަށް ނިންމިއެވެ. އަދި އެރޭ އިޝާ ނަމާދަށް ފަހު އޭނާގެ ހަށިގަނޑު ވަޅުލިއެވެ. ޖަނާޒާ ނިމި ގެއަށް އައިސް އެންމެން ހަމަޖެހެލި ވަގުތު ޒަޔާންއަށް ފޯނެއް އައެވެ. ގުޅަނީ ކާކުކަން އެނގުމުން ޒަޔާން ގޮސް ޓެރެސްއަށް އެރިއެވެ.
“ޒައިނާ މަރުވި ހަބަރު ލިބުނީމަ ތައުޒިޔާ ކިޔާލަން މި ގުޅީ..” ޒަޔާން ހަލޯއޭ ބުނުމާއެކު އާޒިމް ވާހަކަ ދައްކަން ފެށިއެވެ. “އަސްލު ވަރަށް ދެރަ ވެއްޖެ ޒަޔާންގެ މަގުސަދު ޒަޔާންއަށް ހާސިލް ނުވީމަ.” އާޒިމެގެ އަޑުގައި ހުރި ރަހުމު ކުޑަކަން ޒަޔާންއަށް ފާހަގަވިއެވެ.
“ޒައިނާ މަރުވިޔަސް، އަދި އަހަރެން ދުނިޔޭގަ އެބަ ހުރިން. ކަލޭ އެކަން ހަނދާން ނައްތާ ނުލާތި. ކަލޭ ޖަލު ގޮޅިއަށް ލުމަށްފަހު ނޫނީ ދެން އަހަރެން ހަމަނޭވާވެސް ނުލާނަން..” ޒަޔާންގެ ރުޅިވެރި ބަސްތައް އިއްވާލިއެވެ.
“ޒަޔާން. ޒަޔާން. ރިލެކްސް.. މިހާ ފަސޭހައިން މިކަން ނިމެން އޮއްވަ ކީއްކުރަންތަ ކޮމްޕްލިކޭޓް ތި ކުރަނީ. ދިހަ ލައްކަ ރުފިޔާއިން ކިތަށް ކަންތައް ކުރެވޭނެ.. މިކަން ނިންމާލަ ބަލަ ދެން. ދައްތަވެސް އެ ދިޔައީ އެއްނު. ދެން ކޮބާ ބޭނުމެއް.” އާޒިމް ވާހަކަ ދެއްކި ގޮތް ޒަޔާންއަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ.
“ކަލޭ އޮވެބަލަ ދިހަ ލައްކަ ރުފިޔާ ހިފައިގެން. ތި ފައިސާ އަކަށް މަށެއް ނުހެއްލޭނަމޭ ކުރިންވެސް ބުނިން ދޯ.. އަދިވެސް މި ބުނަނީ މި މައްސަލައެއް ނުނަގާނަމޭ. ސާފު ވެއްޖެތަ؟” އާޒިމް އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ޒަޔާން ވަގުތުން ފޯނު ކަނޑާލިއެވެ. އަދި ދެން ހަދާނެ ގޮތަކާއި މެދު ވިސްނާލިއެވެ.
ޒައިނާ ފަދައިން އަނިޔާ ލިބުނު ކިތަށް މީހުން މި ދުނިޔެގައި އުޅޭނެ ހެއްޔެވެ؟ އޭގެ ތެރެއިން އިންސާފު ލިބެނީ ވަރަށް މަދު ބަޔަކަށެވެ. ލިބުނު އަނިޔާއަށް ކެތް ނުކުރެވި މަރުވާ މީހުންވެސް މަދެއް ނޫނެވެ. އާޒިމް ފަދަ ނުބައި ނުލަފާ މީހުންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތަށް މީހުންގެ ދިރިއުޅުން ހެއްޔެވެ؟ ކުޑަ ހިނދުކޮޅެއްގެ އަރާމާއި ލައްޒަތަށްޓަކައި މީހެއްގެ އިތްފަތްތެރިކަން ނަގާލާ އިރު، އެ އަނިޔާ ލިބޭ މީހާ މުޅި އުމުރު އެކަމުގެ ހިތްދަތިކަން ތަހަންމަލު ކުރާނެކަން އެފަދަ މީހުންނަށް ނުވިސްނެނީ ހެއްޔެވެ؟
މާޒީގެ ސަފުހާތަކުގެ ތެރެއަށް ގެއްލިފައި އިން ޒަޔާންއަށް ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ރިންގު ވާން ފެށުމުންނެވެ. ފޯނު ނަގާ ބަލާލި އިރު، ގުޅަނީ ޒޯޔާއެވެ.
“ދޮންބެ ނުނިމޭތަ؟ މިހާރު އެކެއް ޖަހާ ބޮޑުވީ.” ޒަޔާން ފޯނު ނެގުމާއެކު ޒޯޔާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ އެ ގުޅީ ޒަޔާން ނައިސް ލަސްވުމުންނެވެ. އެހެންކަމުން އޭނާ އެ އިނީ ޓެރެސްގައި ކަމަށް ބުނެ ޒަޔާން ފޯނު ބޭއްވިއެވެ. އެ އަޑުގައި އެކުލެވިފައި ހުރި ނުތަނަވަސްކަން ޒޯޔާއަށް ފާހަގަވިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ޒޯޔާވެސް ޓެރެސްއަށް އެރިއެވެ. އޭނާގެ ދެއަތުގައި ދެ ކޮފީ ޖޯޑު ހުއްޓެވެ. ޒަޔާންގެ ހޭވިފައި ހުރި އިސްތަށިގަނޑާއި، ގަމީހުގެ ނައްޓާލެވިފައި ހުރި ގޮށްތައް ފެނުމުންވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ޒޯޔާ ދެނެގަތެވެ. އޭނާ ގޮސް އެއް ޖޯޑު ޒަޔާންއަށް ދިއްކޮށްލިއެވެ. އަދި ޒަޔާން ކައިރީގައި އިށީނދެލިއެވެ.
“ހައު ވޯޒަ ދަ ޕާޓީ؟” ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށްފަހު ޒޯޔާ އަހާލިއެވެ. އެހެނަސް ޒަޔާން އެ ސުވާލަށް މާބޮޑު ސަމާލު ކަމެއް ނުދިނެވެ. “ދޮންބޭ..” އަކުރުތަކަށް ދަމާލަމުން ޒޯޔާ ގޮވާލީ ޒަޔާންގެ ސަމާލުކަން ހޯދުމަށެވެ. ޒަޔާން ހޫން އަޅުވާލަމުން ކޮފީ ޖޯޑު ތުނބުގައި ޖައްސާލިއެވެ.
“ޒޯ އެހީ ޕާޓީ ކިހިނެއްހޭ.. މަޖާތަ؟” ކެތް މަދުވެފައި އިނދެ ޒޯޔާ އަހާލިއެވެ.
“ޕާޓީ ރަނގަޅު. އެމީހުންނަކީ ވަރަށް ރިޗް ބައެއް ދޯ؟ ޒޯ ދިޔައިންތަ އިޒާނީމެން ގެއަށް؟” ޒަޔާން ޒޯޔާއާއި ދިމާލަށް ބަލާލިއެވެ.
“ޒޯ އަދި ނުދަން. އިޒާނީ ބުނާނެ އަންނަން. އެކަމް ޒޯ އަކަށް ނުކެރޭ ދާކަށް. އެމީހުންނަކީ ވަރަށް ވަރަށް ރިޗް ބައެއް. އިޒާނީ ބައްޕަގެ ބައިވަރު ރިސޯޓުތައް އޮވޭ. އިޒާނީ އިންވައިޓްވެސް ކުރި ވީކެންޑްގަ ދާން. އެކަމް އައި ޑިޑިންޓް ގޯ..” ޒޯޔާ ދެެއްކި ވާހަަކަ އަޑު އަހަން އިނުމަށްފަހު ޒަޔާން އޭނާގެ ބޮލުގައި ފިރުމާލިއެވެ.
“މިރޭ ވަރަށް ދޮންތަ މަތިން އެބަ ހަނދާންވޭ.. މިހާރު ހަތް އަހަރުވީ އެކަމަށް. ބަޓް އިޓް ފީލްސް ލައިކް ޔެސްޓަޑޭ.” ކުރިމަތީގައި ހުރި ކުޑަ މޭޒު މަތީގައި ކޮފީ ޖޯޑު ބަހައްޓަމުން ޒަޔާން ބުނެލިއެެވެ. ގާތް މީހަކު ކުއްލި ގޮތަކަށް ވަކިވެގެން ދިޔުމަކީ ވަރަށްވެސް ހިތްދަތި ކަމެކެވެ. އެ ހިތްދަތިކަން ޒަޔާންއާއި އޭނާގެ އާއިލާ މިއަދުވެސް އިހުސާސްކުރަމުން ދާ ކަން ޔަގީނެވެ.
“އެހެންވެ ތީނީ ބޯ ހާވާލައިގެން..؟” ޒަޔާންގެ މޫޑު ރަނގަޅުކޮށްލެވޭތޯ ޒޯޔާ މަސައްކަތް ކުރިއެވެ. ޒަޔާން ހީލާފައި ނޫނެކޭ ބުނެލިއެވެ. އޭނާގެ ސިކުނޑިއަށް ޖަމާވެފައިވާ ހިޔާލުތައް ފޮރުވާލަން އުޅޭ ކަހަލައެވެ. ނަމަވެސް އެ ހިޔާލުތައް ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ވަރަކަށް އުނދަގޫވާނެކަން ޒަޔާންއަށް ވިސްނެއެވެ.
“ދެން ކިހިނެއްވީ؟ ޔޫ ކޭން ޓެލް މީ.” ޒަޔާންއަށް ވީގޮތް އޮޅުން ފިލުވުމަށް ޒޯޔާ އުޅުނެވެ. ޒަޔާން އުނދޯލީގައި ލެނގިލަމުން އޭނާގެ ބޮލުގައި އަތް ފުނާ އަޅާލިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ.
“އައި ސޯ ހިމް..” ދުރަށް ބަލަން އިނދެ ޒަޔާން ބުނެލިއެވެ.
“ސޯ ހޫ؟” ޒަޔާން ބުނި އެއްޗެއް ނަގައި ނުގަނެވުމުން ޒޯޔާ ދެބުމަ ކައިރިކޮށްލާ ޒަޔާންއަށް ބަލާލިއެވެ.
“ދޮންތަގެ ރޭޕިސްޓް. ހީ ވޯޒަ ދެއާ. އެހެންވެ މާ އަވަހަށް މި އައީ.” ޒަޔާން ހަމަ އެކަނި ބުނެލީ އެވަރަށެވެ. އެމީހާ ވަކިކުރަން އެނގުނީ ކިހިނެއްތޯ ޒޯޔާ ސުވާލުކުރިއެވެ.
“ދޮންބެއާ އޭނަ މީޓް ކުރިއޭ މީގެ ސެވެން އިޔާޒް ކުރިން. އޭރު ހުރި ގޮތަށް އޭނަ ހުރީ. ސްޕެކްސް އަޅާފަ ހުއްޓަސް ދޮންބެއަށް އެނގުނު އެއީ އޭނަ ކަން.” ކުރީގެ ހަނދާންތައް އާކޮށްލަމުން ޒަޔާން ބުނެލިއެވެ.
“ދެން އިޒާނީ ގާތު އެހި ނަމަ. ޝީ މައިޓް ނޯ..” ޒޯޔާ ބުނެލި ޖުމުލައިން ޒަޔާންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އެމީހުންގެ ދޮންތަގެ ކުށްވެރިއަކީ އިޒާނީގެ ބައްޕަކަން ޒޯޔާއަށް އެނގުމުން ވާނެ ގޮތާއި މެދު އޭނާ ވިސްނާލިއެވެ. އަދި މިއީ އެ ވާހަކަ ބުނަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ޒަޔާން ނިންމިއެވެ. އިޒާނީގެ ބައްޕައާއި ޒަޔާން ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެކަން ޒަޔާންއަށް އެނގެއެވެ. އެދުވަހުން ވާނެ ގޮތަކާއިމެދުވެސް އޭނާ ކަންބޮޑުވެއެވެ. ނިއްކުރީގައި އެއް އަތުން ފިރުމާލަމުން ޒަޔާން އެތަނުން ތެދުވީ ކޮޓަރިއަށް ދިޔުމަށެވެ. ހަމަ އެވަގުތު އިޒާނީގެ ކޯލެއް އައެވެ.
(ނުނިމޭ)