އަމިއްލަ ވެރިކަމެއްގައި މިފްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒްކުރައްވާނެ ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ
އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަރަދޫގައި ބޭއްވި ބައްދަލުވުމެއްގައި އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުންނެވެ.
އިލްޔާސް ވިދާޅުވީ ކުންފުނިތައް ހިންގުމަކީ އޭނަގެ ސަރުކާރެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިހާރު ހުރި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ އެއްކޮށް، ދޫކޮށްލައި، އެ ކުންފުނިތަކަކީ ސީދާ ރައްޔިތުންނަށް މަންފާ ލިބޭ ކުންފުނިތަކަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ކުންފުނިތައް ހިންގައި ވިޔަފާރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއް ނޫނެވެ.
“މިފްކޯ އާއި ފެލިވަރު ފަދަ ތަންތަނަކީ ސަރުކާރުން ހިންގަން ޖެހޭ ތަންތަނެއް ނޫން. އަޅުގަނޑުމެން އެތަންތަން ދޫކޮށްލާނަން، އެތަންތަން ސަރުކާރުން ބޭރުކޮށްލާނަން. ބޭރުކޮށްފައި އަމިއްލަ ފަރާތްތަކަށް އަދި ރައްޔިތުން ހިއްސާވާ ގޮތަށް އެ ކުންފުނިތައް ދޫކޮށްލާނަން.” އޭނަ ވިދާޅުވި އެވެ.