މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ މެންބަރު ހުސައިން

ފަހުގެ ސިޔާސީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަން ނިންމައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމް، ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަނުކުރެވޭ ހާލަތެއްގައި ޕީއެންސީއިން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކެންޑިޑެސީއަށް ފޯމް ހުށަހެޅުމުގެ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ރަނިންމޭޓަކު ޚިޔާރުކުރައްވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. އެމަނިކުފާނަކީ، ޒުވާން، ތަޢުލީމީ، ޤާބިލް ޚިދްމަތްތެރިއެއް،” މުއިއްޒު ވިދާޅުވިއެވެ.

ޕީއެންސީގެ ޓިކެޓްގައި ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި އެ ދުވަހު ބޭއްވި އެ ޕާޓީގެ ސެނެޓުން ނެގި ވޯޓެއްގައި މުއިއްޒަށް ޓިކެޓު ދޭން ވަނީ ނިންމައިފައެވެ.

ޕީއެންސީގެ ޓިކެޓް މުއިއްޒު ކާމިޔާބު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާ ވާދަކުރައްވައިގެންނެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އާދަމް ޝަރީފަށް ލިިބިވަޑައިގަތީ 23 ވޯޓެވެ.

މުއިއްޒަށް ޓިކެޓު ދޭން ނިންމައިފައި ވީ ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށާއި، މުއިއްޒު ވާދަ ކުރައްވާނީ “ވޯސްޓް ކޭސް” ގައި ކަމަށް ޔާމީންގެ ގާނޫނީ ވަކީލް އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވަނީ ވިދާޅުވެފައެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ