އުމްރާގެ އަޅުކަމަށް އަންނަ މަހު ހަރަމްފުޅު ހުޅުވާލަނީ

ޚަބަރު ފަހުގެ

ކޮވިޑް 19ގެ ސަބަބުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސައުދީ އަރަބިޔާއަށް އުމްރާގެ އަޅުކަން އަދާކުރުމަށް އެތެރެވުން މަނާ ކޮށްފައި އޮތުމަށްފަހު އަންނަ މަހުން ފެށިގެން އުމްރާގެ އަޅުކަމަށް މުސްލިމުންގެ އެންމެ މުގައްދަސް ހަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް އަލުން ހުޅުވާލަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ހަަރަމްފުޅު އާންމުކޮށް ހުޅުވާލުމަށް ސައުދީ ސަރުކާރުން ނިންމާފައި މިވަނީ ކޮވިޑުން ރައްކާތެރިވުމަށް އެެޅި ފިޔަވަޅެއްގެ ގޮތުން ހަރަމްފުޅު ބަންދުކޮށްފައި އޮންނަތާ ހަ މަސްދުވަސްފަހުނެވެ.

އިޝްތިހާރު
އިޝްތިހާރު

އުމްރާގެ އަޅުކަމަށް ހަރަމްފުޅު އާއްމުކޮށް ހުޅުވާލަން ސައުދީ ސަރުކާރުން ނިންމާފައިވަނީ ބައެއް ޝަރުތުތަކާއެކު ތިން ފިއްޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭނީ ހަމައެކަނި މައްކާގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މި ފިޔަވަހީގައި ހަރަމްފުޅަށް ވެއްދުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ހަރަމްފުޅުގެ ޖާގައިގެ ގާތްގަނޑަކަށް 30 ޕަސެންޓާވާ އަދަދަށް މީހުންނެވެ. މިމަރުހަލާގައި ދުވާލަކު ގާތްގަނޑަކަށް 6،000 މީހުންނަށް އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ އެވެ. މި މަރުޙަލާގައި އުމުރާގެ އަޅުކަން އަދާކުރާ ވަގުތުގައި ހަރަމްފުޅަށް ވަނުމުގެ ފުރުސަތު އެނޫން ބަޔަކަށް ނޯންނާނެ އެވެ.

ދެވަނަ މަރުހަލާ ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ސައޫދީ ރައްޔިތުންނާއި އެގައުމުގައި އުޅޭ އެެހެން ގައުމުތަކުގެ މުސްލިމުންނަށް ހަމައެކަނި އުމްރާ ކުރުމުގެ ހުއްދަ ދޭ ގޮތަށް އެ މަރުހަލާގައި ހަރަމްފުޅަށް ވައްދާނީ އެތަނުގެ ޖާގައިގެ 75 ޕަސެންޓް މީހުންނެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 15،000 މީހުންނެވެ.

ތިންވަނަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު އެކެއްގަ އެވެ. ތިންވަނަ މަރުހަލާގައި ބޭރު ގައުމުތަކުން އަންނަ މީހުންނަށް ވެސް ސިއްހީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އުމުރާވުމުގެ ފުރަސަތު ދޭނެ އެވެ.

މި މަރުހަލާގައި ހަރަމްފުޅުގެ ފުލްޖާގައަށް މީހުން ވައްދާނެ އެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 20،000 އުމުރާވެރިންނެވެ. މީގެ އިތުރުން ނަމާދުކުރާ މީހުންނަށްވެސް އުމުރާވެރިންނާ އެކުގައި ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދޭނެ އެވެ. މައްކާގެ ހަރަމްފުޅުގައި އެއްފަހަރާ ގާތްގަނޑަކަށް 60،000-80،000 އާ ދެމެދުގެ މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަ ހުންނަ ކަމަށްވެ އެވެ.

ކޮވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާތީ މި އަހަރުގެ ހައްޖުގެ އަޅުކަން ވެސް ސައުދީ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވަނީ 10،000 މީހުންނާ އެކުއެވެ. ސައުދީގައި ދިރިއުޅޭ އެހެން ގަައުމުތަކުގެ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ހައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔައީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އެޅުމަށްފަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ