ބިޑް ކުރުމަކާއި ނުލައި މަޝްރޫޢުތައް ހަވާލު ކުރެވޭ މާއްދާ އުވާލަން އަންގައިފި

ޚަބަރު ފަހުގެ

ބިޑް ކުރުމަކާއި ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި އޮންނަ މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން،އޭސީސީއިން ފިނޭންސް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

އޭސީސީ އިން މިއަދު ބުނީ، މާލިއްޔަތު ގަވާއިދުގެ 10.27 މާއްދާ މިހާރު އޮތް ގޮތުން ކޮރަޕްޝަންގެ ހިރާސްގެ ފުރުސަތު ވަރަށް ބޮޑުކަން އެ ކޮމިޝަންގެ ތަހުގީގުތަކުން އަބަދުވެސް ފާހަގަ ކުރެވޭތީ އެ މާއްދާ އުވާލާން ފެންނަ ކަމަށް ނިންމައި ފިނޭންސް މިނިސްޓްރީއަށް އަންގައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މާލިއްޔަތު ޤަވައިދުގެ 10.27 ގެ (ހ) ގައި މިހާރު ބުނާގޮތުން މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ފަރާތުން ބިޑްކުރުމަކާ ނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެއެވެ. މިގޮތުން، މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ، މަސައްކަތުގެ ބާވަތާއި، މަސައްކަތުގެ އަގާއި، މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް، މިނިސްޓަރަށް އެ މަޢުލޫމާތު ހުށަހަޅައި، މިނިސްޓަރުގެ ލަފާގެމަތިން ނޭޝަނަލް ޓެންޑަރ ބޯޑުން ހުއްދަ ހޯދައިގެންނެވެ.

އެމާއްދާގެ (ށ) ގައި ބުނަނީ މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޤައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި އަދި ސަރުކާރުން ކަނޑައަޅާ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫޢެއް ހިންގިދާނެ ކަމަށެވެ. މިގޮތުން މަޝްރޫޢު ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

މާލިއްޔަތު ގަވާއިދުގެ އެ މާއްދާގެެ ދަށުން ސަރުކާރުގެ ބޮޑެތި މަޝްރޫޢުތައް ވެެސް ބިޑް ކުރުމެއް ނެތި މިފަހުން ހަވާލުކޮށްފައިވެއެވެ. މިފަދަ މަޝްރޫޢުތަކުގެ ފަހަތުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި މުއާމަލާތްތައް ހުރި ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓްތަކުން ހާމަވެފައި ހުރިކަން ފާހަގަކޮށްލެވެއެވެ. މި މާއްދާއާ މެދު އޭސީސީ އިން މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

އޭސީސީގެ މިހާރުގެ މެންބަރުން ކޮމިޝަނާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މާއްދާގެެ ދަށުުން ކުރެވިފައިވާ މަސައްކަތްތައް ދިރާސާކޮށް ކަރުދާހެއް ވެސް އެކުލަވާލާފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފައިވެއެވެ. އެ ކަރުދާހުގައި ވެސް ކޮމިޝަނުން އެ މާއްދާ އުވާލުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެއެވެ. އެ މާއްދާގެެ ސަބަބުން ބީލަމުގެ ވާދަވެރިކަން ގެއްލި، ދެފުށްފެންނަ ހާމަކަން ބޮޑު އުސޫލުތަކާ ދުރުވެ ކޮރަޕްޝަންގެ ހިރާސް ވަރަށް ބޮޑަށް އޮންނަ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ