ކުވޭތުގެ އަމީރް ޝެއިޚް ސަބާހް އަވަހާރަވެއްޖެ

ޚަބަރު ފަހުގެ

ކުވޭތުގެ އަމީރް ޝެއިޚް ސަބާހް އަލް-އަހުމަދު އަލް-ޖަބްރް އަލް ސަބާހް އަވަހާރަވެއްޖެއެވެ.

ރައީސް ޞާލިޙް، ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ވަނީ ތަޢުޒިޔާގެ މެސެޖެއް ފޮނުއްވަވާފަ އެވެ. ކުވޭތުގެ ވަލީއަޙްދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި ވެސް، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި، އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއްކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، 2020 ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ޝެއިޙް ސަބާޙް އަވަހާރަވެފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 91 އަހަރެވެ.

1929 ވަނަ އަހަރު އުފަންވި ޝެއިޚް ސަބާހް ފާހަގަކޮށްލެވެނީ ކުވޭތު މިހާރު މިދެކޭ ޒަމާނީ ޚާރިޖީ ސިޔާސަތުގެ ހަގީގީ މޭސްތެރިޔާގެ ގޮތުގައެވެ.

ކުވޭތުގެ ބޮޑު ވަޒީރުކަންވެސް ކުރައްވާފައިވާ ޝެއިޚް ސަބާހް އެޤައުމުގެ ފޮރިންގ މިނިސްޓަރުކަން ގާތްގަނޑަކަށް 40 އަހަރު ވަންދެން ކުރައްވާފައިވެއެވެ. ޝެއިޚް ސަބާހް ކުވޭތުގެ ފޮރިންގ މިނިސްޓަރުކަން ކުރައްވާފައިވަނީ 1963 ން 2003 ކަށެވެ.

ކުވޭތުގެ އަމީރުކަމުގެ މަގާމާއި ޝައިޚް ސަބާހް ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. އެއީ ޝައިޚް ޖަބާރް އަލް-ސަބާހް އަވަހާރަވުމާއި ގުޅިގެންނެވެ.

2019 ވަނަ އަހަރުގެ އޮގަސްޓްމަހު ދިމާވި ސިއްޙީ މައްސަލަތަކެއްގެ ސަބަބުން ޝެއިޚް ސަބާހް އެޑްމިޓްކުރަން ޖެހިވަޑައިގެންފައިވާއިރު، ސާޖަރީއެއް ހެދުމަށްޓަކައި ޝެއިޚް ސަބާހް އެމެރިކާއަށް ވަޑައިގެންފައިވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ކުވޭތުން އެމެރިކާއަށް ޝެއިޚް ސަބާހް ގެނެސްފައިވަނީ، އެމެރިކާ ސިފައިން ހޮސްޕިޓަލެއްގެ ގޮތުގައި ފަރުވާދިނުމަށް ބޭނުންކުރާ މަތިންދާ ބޯޓެއްކަމަށްވާ “ޔޫއެސް އެއަރފޯސް ސީ-17” ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ