ވަޔަޑޮލިޑް އަތުން ރެއާލަށް އުނދަގޫ މޮޅެއް

ކުޅިވަރު ފަހުގެ

ޒުވާން ފޯވާޑް ވިނީޝަސް ޖޫނިއާ ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ރެއާލް ވަޔަޑޮލިޑް އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 1-0 ންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާއެވެ. އެގޮތުން ވަޔަޑޮލިޑުން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރެއާލުން ޖަހާފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަވަނަ މިނެޓުގައި މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސްއެވެ.

މި މެޗުގައި ވިނީޝިއަށް ކުޅެން އެރީ ޒުވާން ފޯވާޑް ލޫކާ ޔޮވިޗުގެ ބަދަލުގައެވެ. މި މެޗުގައިވެސް ޔޮވިޗަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ބެންފީކާއިން މިދިޔަ އަހަރު 60 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ފޯވާޑް ޔޮވިޗަށް އަދި މިހާތަނަށް ޖެހުނީ އެންމެ ދެ ލަނޑެވެ.

ވަޔަޑޮލިޑް އަތުން ލިބުނު ހަނި މޮޅާއެކު ރެއާލް އޮތީ ތާވަލުގެ ތިންވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ރެއާލް އަތުން ބަލިވި ވަޔަޑޮލިޑް އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ރެއާލުން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި ރެއާލް ނުކުންނާނީ ލެވާންޓޭއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ