ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލަދުވެތި ގޮތަކަށް ބަލިވެއްޖެ

ކުޅިވަރު ފަހުގެ

ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ލަދުވެތި ގޮތަކަށް ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިވީ އެސްޓަން ވިލާ އަތުން 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 1963 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލިވަޕޫލް ކޮޅަށް ހަތް ލަނޑު ވަން ފުރަތަމަ މެޗެވެ.

އިޝްތިހާރު
އިޝްތިހާރު

ލިވަޕޫލް އަތުން ހޯދި މޮޅާއެކު ވިލާ ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުންވެސް މޮޅުވެފައެވެ. އެހެންކަމުން މިއީ 1962-1963 ވަނަ އަހަރުގެ ސީޒަނަށްފަހު ޕްރިމިއާ ލީގުގެ ފުރަތަމަ ތިން މެޗުން ވިލާ މޮޅުވި ފުރަތަމަ ފަހަރެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިވަޕޫލުގެ ގޯލްކީޕަރު އޭޑްރިއަން ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ވިލާއަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސްއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ވިލާއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 33 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ލިވަޕޫލަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޖޯން މެކްގިން ވަނީ ވިލާއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ވިލާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން ޗެލްސީގެ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާ ގުޅުނު ރޮސް ބާކްލީއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ސަލާހު ލަނޑެއް ޖަހާ ލިވަޕޫލަށް އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ޖެކް ގްރީލިޝް ވަނީ ވިލާގެ ހަވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ވިލާއިން ކާމިޔާބުކުރި ހަތްވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީވެސް ގްރީލިޝްއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ޔުނައިޓެޑާއި ލިވަޕޫލް ބަލިވިއިރު، ލީގު ތާވަލުގައި ލިވަޕޫލް އޮތީ ފަސްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ޔުނައިޓެޑް އޮތީ ތާވަލުގެ 16 ވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 ން މޮޅުވި އާސެނަލް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ