ވާހަކަ: ހީވިއޭ ދިޔަހެން އޮޔާ

ވާހަކަ މުނިފޫހި ފަހުގެ

( 07 އޮކްޓޯބަރ 2020 އާ ގުޅޭ)
“ތީ ބަދަލު ހިފުމެއްތަ؟” އާޒިމް އަހާލިއެވެ. އެ ސުވާލު އަޑު އިވުމާއެކު ޒަޔާން ޖަހާލީ ހިނިގަނޑެކެވެ. އާޒިމްއާއި ކުރިމަަތި ވާނޭ ހެން އޭނާ އެނދުގައި އިށީނެވެ. އާޒިމްގެ މޫނު މަތިން ފެންނަން ހުރި ނުތަނަވަސްކަމުން ޒަޔާންގެ ހިތަށް ލިބެމުންދިޔައީ ނޭނގޭ ހަމަޖެހުމެކެވެ.

“އެއްގޮތަކަށްވެސް ތިހެނެއް ނޫން. މީ ހަމަ އިއްތިފާގެއް.. ބުނެ އެއްނު އެމީހަކު ކުރި ކަމެއް އެމީހަކަށް ދައްކަވާނެއޭ. އިޒާނީއާއި ގުޅުނު އިރު ނޭނގޭ އެއީ އާޒިމްގެ ދަރިއެއް ކަމެއް.” ޒަޔާން ވަރަށް ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ. “އެކަމަކު އެކަން އެނގުނު ހިސާބުން ހިތަށް އެރި މަށަށް މި ލިބުނީ ޖެކްޕޮޓެކޭ.. އާޒިމްގެ ނަސީބާއި މެދު ވަރަށް ދެރަވޭ. މިހާރު އިޒާނީ އެހުރީ ދުރު ނުވެވޭ ވަރަށް ކައިރި ކޮށްލާފަ.” ޒަޔާން ދެއްކި ވާހަކަތައް އަޑު އިވުމުން އާޒިމް ދެ ލޯ ކުޑަ ކޮށްލިއެވެ.

އިޝްތިހާރު
އިޝްތިހާރު

“ކަލޭ ކީއްކުރީ އިޒާނީއަށް؟” ރުޅިވެރިކަމާއެކު އާޒިމް ސުވާލު ކުރިއެވެ.

“އާޒިމް މަގޭ ދައްތައަށް ހެދި ގޮތް ހެދީ..” ޒަޔާންގެ ޖަވާބު ވަރަށް ކުރެވެ. “އެކަމަކު ގަދަ ކަމަކުން ނޫން.” އާޒިމްގެ މޫނަށް ބަލާލަމުން ޒަޔާން ބުނެލިއެވެ. އެއާއެކު އާޒިމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އަދި އޭނާ އިން ތަނުން ފުންމައިގެން ތެދުވިއެވެ.

“ހައު ޑެއާރ ޔޫ.. ޔޫ ބާސްޓރޑް.” އާޒިމްގެ ރުޅިގަނޑު ކެކިގެން ދިޔަ ކަހަލައެވެ. އޭނާ ދިޔަގޮތަށް ގޮސް ޒަޔާން ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނެގިއެވެ. ނަމަވެސް ޒަޔާން އެކަމާ މާ ބޮޑަކަށް އަޅައެއް ނުލިއެވެ.

“އަދި އެއް ވާހަކަ.” އާޒިމްގެ ދެ އަތުގައި ހިފަމުން ޒަޔާން ބުނެލިއެވެ. “އިޒާނީ ނުބުނޭތަ އާޒިމް ކާފައަކަށް ވާން އުޅޭ ވާހަކައެއް؟” ޒަޔާން ފޮނުވާލި ތީރު އޭގެ އަމާޒުގައި ޖެހުނެވެ. އޭނާގެ ގަމީހުން ދޫކޮށްލަމުން އާޒިމް ގޮސް ސޯފާގައި އިށީނީ ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

“މަގޭ މައިން ބަފައިންގެ އަތުން އެމިހުންގެ އަންހެން ދަރިފުޅު ގެއްލުވާލި އިރު ހިތަކަށް ނާރާ ދޯ ތިމާގެ އަންހެން ދަރިފުޅަށް އެހެން ދިމާވި ނަމަ ވާނެ ގޮތެއް. އެމީހުން އެ ދުވަހު ހާދަ ހިތާމައެއް ކުރިއޭ.” ކުރީގެ ހަނދާންތައް އާކޮށްލަމުން ޒަޔާން ވާހަކަ ދެއްކިއެވެ. “މިފަހަރު އާޒިމް ރެޑީވޭ. އާޒިމްގެ އަތުން އިޒާނީ ގެއްލުވާލާނަން. ދިސް އިޒް އަ ޕްރޮމިސް.” އާޒިމްއާއި ދިމާލަށް ބަލަން ހުރެ ޒަޔާން ބުނެލިއެވެ.

“ލުކް، ޒަޔާން.. މިހާރު ތި ކަމަށް ކިހާ ގިނަ ދުވަހެއް ވެއްޖެ. ދެން ތިކަން ހަނދާނުން ފޮހެލަބަލަ. ޒައިނާއާއި އަހަރެން ބެހުނީކީ އޭނަ ބަނޑުބޮޑު ކުރާކަށް ނޫން. އަދި އޭނާ މަރާލާކަށްވެސް ނޫން. ހަމަ ރީތި ކަމުން. އެކަމަކު އޭނާ އަމިއްލައަށް މަރުވީމަ ދެން އޭގަ އަހަރެން ކުރާނެ ކަމެއް ނެތް.” އާޒިމް އުޅުނީ ޒަޔާންއަށް ވިސްނާދެވޭތޯއެވެ.

“ކިތަންމެ ދުވަހެއް ވިޔަސް ހަނދާނުން ނުނެތޭނެ. މަގޭ އާއިލާއަށް އެވަރުގެ ދެރައެއް ލިބުނީ ހަމަ ކަލޭގެ ސަބަބުން…” ޒަޔާންގެ ލޯ ކުރިމަތީގައި ޒައިނާގެ ސޫރަ ސިފަ ވެގެން ދިޔައެވެ.

“ކިހާ ރުފިޔާއެއް ބޭނުންވަނީ، އިޒާނީއާ ދުރަށް ދާން.؟” އާޒިމް އަހާލިއެވެ. އަދި ޖީބުން ޗެކެއް ނަގާ ޒަޔާންއަށް ދިއްކޮށްލިއެވެ. “މި ޗެކްގަ ޒަޔާން ބޭނުން އެމައުންޓެއް ޖަހާފަ ލާރި ނަގާ.” މި ފަހަރުވެސް ޒަޔާންއަށް އޭނާ ހުށަހެޅީ ފައިސާއެވެ. ޒަޔާންގެ ކިބައިން ސަލާމަތްވުމަށް އާޒިމްއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ އެއީއެވެ. ނަމަވެސް ކުރިން ފަހަރެކޭ އެއްގޮތަށް ޒަޔާން އެ މަޅީގައެއް ނުޖެހުނެވެ.

“ކަލެއަށް އަހަރެން އަދިވެސް ދަސްނުވޭ ދޯ. ދި ފައިސާގެ ދަޅަ ދައްކާ ކޮންމެސް އެހެން މީހަކަށް. މަށެއް ނޫލެން ލާރިއާ ހެދި މޮޔަވެގެންނެއް. ކަލޭ ހީކުރީ ފައިސާއިން ހުރިހާ ކަމެއް ކުރެވޭނެ ކަމަށްތަ؟” ޒަޔާންގެ އަޑުގައި ނުރުހުން އެކުލެވިގެންވިއެވެ. ޒަޔާން އެހެން ބުނުމުން އާޒިމް ބަސް ހުއްޓުނެވެ. އަދި އިތުރަށް އޭނާގެ ވާހަކަތައް އަޑު އަހަން ބޭނުން ނުވާތީ، އާޒިމް އެތަނުން ނިކުމެގެ ދިޔައެވެ. ގެއަށް ދިޔަ މަގުމަތީގައި އާޒިމް ވިސްނަމުން ދިޔައީ ޒަޔާން ދެއްކި ވާހަކައާއި މެދުގައެވެ. އޭނާ ދެއްކި ވާހަކައިގެ ތެދު ދޮގު ބެލުމަށް އިޒާނީއާއި ސުވާލު ކުރަން ޖެހެއެވެ.

ގެއަށް އައިސް ވަނުމާއެކު އާޒިމްއަށް ފެނުނީ ގޭގެ ދެން ތިބި އެންމެން ސިޓިންގރޫމުގެ ސޯފާގައި ތިބި ތަނެވެ. އޭނާ ފެނުމާއެކު ހުސްނާ އޭނާއާއި ދިމާލަށް އައެވެ. އަދި އަތުގައި އޮތް އެއްޗެއް އާޒިމްގެ އަތަށް ލައި ދިނެވެ. އެއަށް ބަލާލުމާއެކު އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒަޔާން ބުނި ވާހަކައިގެ ހަގީގަތް އެ އޮތީ ފެންނާށެވެ.

“މީ ކާކު އެއްޗެއް؟” އާޒިމް ހުސްނާ ގާތު އަހާލިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން އާޒިމްގެ ޝައްކު ޔަގީންވިއެވެ. “މީ ކާކު އެއްޗެއް ހޭ މަ މި އަހަނީ؟” އައިސްފައި ހުރި ރުޅީގެ ސަބަބުން އާޒިމްގެ އަޑު ބާރު ވިއެވެ. އޭނާ އިޒާނީއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. އިޒާނީ އޭރުވެސް އިނީ އިސް އޮބާލައިގެންނެވެ. އާއިލާއާއި ކުރިމަތިލާނޭ ހިތްވަރެއް އޭނާގެ ނެތެވެ.

“ނިރުމަލާ އިޒާނީގެ ކޮޓަރި ފާހާނާގެ ޑަސްބިން ސާފުކުރަން އުޅެނިކޮށް ފެނުނު އެއްޗެއް ތީ.” އާޒިމްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ހުސްނާ ބުނެލިއެވެ. އެއާއެކު ހުސްނާގެ އަތް ފޮޅުވާލަމުން އާޒިމް ބާރު ހިނގުމެއްގައި ގޮސް އިޒާނީ ކައިރިއަށް ހުއްޓުނެވެ. އަދި އިޒާނީގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ.

“އިޒާނީ. މީ ކިހިނެއް ވީ ކަމެއް؟” ރުޅި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އާޒިމް ވާހަކަ ދެއްކޭތޯ ބެލިއެވެ. “އެފަދަ ކަމެއް ކުރި އިރު އިޒާނީ ވިސްނާވެސް ނުލަން ތަ؟” އާޒިމްގެ އަޑުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އާޒިމް ވާހަކަ ދެއްކުމުންވެސް އިޒާނީ ބަހެއް ނުބުންޏެވެ. އެހެންކަމުން، އިޒާނީގެ ދެ ކޮނޑުގައި ހިފާ އާޒިމް އޭނާ ތަޅުވައިގަތެވެ. “އިޒާނީއާ މި ވާހަކަ ދައްކަނީ.. ޖަވާބު ދީބަލަ. މިކަން ކުރި އިރު ލަދު ނުގަނެ، މިހާރު ލަދު ގަންނަންވީ ކީއްވެ؟” އާޒިމްގެ ރުޅިގަނޑު މައިތިރި ވާ ގޮތެއް ނުވިއެވެ.

“ސޮރީ ބައްޕާ.. އަޅުގަނޑަށް ނުވިސްނުނީ. އިޓް ޖަސްޓް ހެޕެންޑް.” އިސްޖަހައިގެން ހުރެ އިޒާނީ ބުނެލިއެވެ.

“މާދަމާ އިންޑިއާއަށް ފުރަން ތައްޔާރުވޭ.. ތި އެތި މި ދުނިޔެއަށް ގެނެސްގެން ނުވާނެ. އެބޯޓް ކޮށްލަން ޖެހޭނީ. އަޑު އިވިއްޖެ؟” އިޒާނީގެ ބަނޑަށް އިޝާރާތް ކުރަމުން އާޒިމް ބުނެލިއެވެ. އެ ބަސްތައް އަޑު އިވުމުން އިޒާނީ ބަނޑުގައި ދެއަތް އަޅާލީ އޭނާގެ ބަނޑުގައި އޮތް ތުއްތު ފުރާނަ ހިމާޔަތް ކުރާ ފަދައިންނެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށީ އޭނާގެ ބައްޕަގެ ފަރާތުން އެފަދަ ބަސްތަކެއް އަޑު އިވުނީތީއެވެ.

“މީ އެއްޗެއް ނޫނޭ ބައްޕާ.. ހަމަ ބައްޕަ ކަހަލަ އިންސާނެއް…” އެ ހިސާބަށް ބުނެވުމާއެކު އިޒާނީގެ އަޑު ބެދުނެވެ. އެވަގުތު އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. “ދިސް އިޒް މައި ބޭބީ.” ބަނޑުގައި ދެއަތުން ހިފަހައްޓާލަމުން އޭނާަ ބުނެލިއެވެ. އެއީ އޭނާގެ ދަރިފުޅެވެ.. އެ ދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް އިޒާނީ ނޭދެއެވެ.

“އިޒާނީ. ދަރިފުޅާ. ތީ ކުޑަ ކުއްޖެއް ނޫނެއްނު. ނިކަން ވިސްނަބަލަ. ތިކަން މީހަކަށް އެނގިއްޖެއްޔާ މުޅި މި އާއިލާ ބަދުނާމު ވާނެ…” އިޒާނީ ރޯތަން ފެނުމުން އާޒިމްއަށް ފުން އަސަރެއް ކުރުވިއެވެ. ނަމަވެސް އޭނާ ބެލީ ކޮންމެވެސް ގޮތަކުން އިޒާނީ ރުއްސޭތޯއެވެ.

“އެހެންވެ އޭ މިބުނަނީ މެރީ ކުރަން. އޭރުން އެއްވެސް މީހަކަށް ނޭނގޭނެ އެއްނު..” އިޒާނީ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. އެއާއެކު އާޒިމްގެ ތަބީއަތް ގޯސް ވި ތަން އެތާ ތިބި އެންމެނަށް ފެނުނެވެ،

“އިޒާނީ ތި ގުޅިގެން އުޅޭ ކުއްޖަކީ ރަނގަޅު ކުއްޖެއް ނޫނޭ، ދަރިފުޅާ. ބައްޕައަށް ހުއްދައެއް ނުދެވޭނެ އެފަދަ ކުއްޖަކާ ކައިވެނި ކުރާކަށް. ޔޫ ހޭވް ނޯ ޗޮއިސް. ބައްޕަ ބުނާ ގޮތް ހަދާ. މާދަމާ ފުރަން ތައްޔާރުވޭ. އެނބުރި އަންނަ އިރު ދަރިފުޅު ތިކަމުން ސަލާމަތް ވާނެ.” އިޒާނީއަށް ދެން އިތުރު ގޮތެއް ނެތް ކަމަށް އާޒިމް ބުނެލިއެވެ. އަދި އޭނާގެ ކޮނޑުގައި ހިފާލިއެވެ. ނަމަވެސް އިޒާނީ ޖެހެލީ ދުރަށެވެ.

“ބައްްޕަ ހާދަ ރަހުމެއް ނެތޭ. އެބޯޓް ކުރުމަކީ ދިރި ހުރި ފުރާނައެއް މަރާލުން ފަދަ ކަމެއް. އަޅުގަނޑަކަށް އެކަމެއް ނުވާނެ.” އިޒާނީ ރޮމުން ގޮސް ސިޑިން މައްޗަށް އެރިއެވެ. އެތަން ބަލަން ހުރި އާޒިމް އެއް އަތުން ނިއްކުރީގައި ހިފަހައްޓާލިއެވެ. އިޒާނީ ދެން ނަގާނެ ފިޔަވަޅަކާއި މެދު އޭނާ ހުރީ އިންތިހާއަށް ކަންބޮޑު ވެފައެވެ. ޒައިނާ ފަދައިން ގޯސް ފިޔަވަޅެއް އިޒާނީ ނަގާފާނެ ހެއްޔެވެ؟

ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު ޒަޔާންއަށް އިޒާނީ ގުޅިއެވެ. އަދި ގޭތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއް ޒަޔާންއަށް ކިޔައިދިނެވެ.

“އިޒޫ ބައްޕަ ބުނާ ގޮތް ހަދާ. އޭރުން އެންމެ ރަނގަޅު ވާނީ. އެހެން ނޫނަސް ބައްޕަގެ ނުގަބޫލުގަ މެރީވެސް ނުކުރެވޭނެ އެއްނު. އަދި ފަހުންވެސް ބޭބީއެއް ހޯދިދާނެ އެއްނު. ބައްޕަމެން ބުނާ ބަސް އަހަންވާނެ. އިޒޫ ތިވަރު ކޮށްދީފަ ތިހުރީ ހަމަ އެމީހުންގެ ބުރަ މަސައްކަތުން.” ޒަޔާން ދެއްކީ އިޒާނީ އުންމީދުކޮށްގެން ހުރި ކަހަލަ ވާހަކައެއް ނޫނެވެ. އޭނާގެ ބަނޑުގައި އޮތީ ޒަޔާންގެ ވެސް ލޭ ހިނގާ ކުއްޖެކެވެ. ކަން މިހެން އޮތް އިރު އެ ދަރިފުޅު މަރާލުމަށް ބާރުދީ ޒަޔާން ވާހަކަ ދައްކާނެ ކަމަކަށް އިޒާނީ ހިޔެއް ނުކުރެއެވެ.

“ޒަޔާން ތަ ތިހެން ތި ބުނަނީ؟ ތީ ހަމަ ޒަޔާންތަ؟” ގަބޫލު ކުރަން ދަތިވެފައިވާ ހާލު އިޒާނީ ތަކުރާރުކޮށް ސުވާލު ކުރިއެވެ. ޒަޔާންގެ ބަސްތަކުން އޭނާގެ ހިތަށް ތަދުވިއެވެ. އެ ތަދު ކަރުނައިގެ ސިފައިގައި އޭނާގެ ލޮލަށް ޖަމާވާކަށް މާ ގިނަ އިރެއް ނުވިއެވެ. “ޒަޔާން ތިހެން ނުބުނެބަލަ، ޕްލީޒް.” އިޒާނީ އާދޭސް ކުރިއެވެ. އޭނާ އެ ހާލަތަށް ގެނައި މީހަކީ ޒަޔާންއެވެ. ނަމަވެސް މިހާރު ޒަޔާންގެ ރާގު ބަދަލުވަމުން ދާތީ އިޒާނީ އެއިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ގިނަ ފަހަރަށް ޒަޔާންގެ ހިތުގައި އޮންނަ އެއްޗެއް ދެނެގަންނަން އިޒާނީއަށްވެސް ނޭނގެއެވެ. އޭނާ ފޯނު ބޭއްވީ އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުންނެވެ.

ފަތިހުގެ ފިނިފިނި ވަގުތެވެ. ގިނަ ބަޔަކު ތިބީ އަރާމު ނިންޖަކުން ނިދާފައެވެ. ނަމަވެސް އިޒާނީގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ޕަނާޝް ވިލާގެ މުޅި ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަ ހިމޭން ކަމެވެ. ދިއްލާފައި ހުރި އަލި މަޑު ބޮކި ތަކުގެ އޮރެންޖު އަލިކަން ނޫނީ ނެތެވެ. އިޒާނީ ވަރަށް މަޑުމަޑުން ސިޑިން ފައިބަމުންދިޔައެވެ. އޭނާގެ އަތުގައި އަންނައުނު އަޅާ ފޮއްޓެއް އޮތެވެ. އެ ފޮށި ހިފައިގެން އޭނާ ގެއިން ނިކުމެގެން ދިޔައީ އެންމެން ނިދީގެ ފޮނި މީރުކަން ހޯދަމުން ދަނިކޮށެވެ. އެމީހުންނަށް ސިރުންނެވެ. މައި ގޭޓާ އަރާ ހަމަ ވުމުން ސެކިއުރިޓީ ގާޑަކަށް ހުރި ސައީދު، އިޒާނީއާއި ސުވާލު ކުރިއެވެ.

“ސައީދްބޭ ޕްލީޒް ގޭޓު ހުޅުވާލަދީ.. ފުރާ ގަޑި ޖެހެނީ. ބައްޕައަށް ގޮވާ ގޮވާ ނުހޭލީމަ މި ދަނީ. އަވަސްކޮށްލަދީ. ނޫނީ ފްލައިޓް މިސް ވެދާނެ.” އެދަނީ ފުރަން ދާން ކަމަށް ބުނެ އިޒާނީ ދޮގު ހެދިއެވެ. ސައީދު އަކީ އެގޭގައި ވަޒީފާ އަދާ ކުރާ މީހަކަށް ވާތީ އޭނާއަށް ޖެހުނީ ގޭޓު ހުޅުވާދޭށެވެ. ގޭޓު ހުޅުވާލުމާއެކު އިޒާނީ ބޭރަށް ދެމިގަތީ ނިކަން އަވަހަށެވެ. އެވަގުތު މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާ އެއަށް އޭނާ އެރިއެވެ. އެ ކާރު ދުއްވާލީ ހެންވޭރާ ވީ ކޮޅަށެވެ. އެހެންކަމުން ސައީދުއަށް ވެސް ޖެހުނީ އިޒާނީ ދެއްކި ވާހަކަ ގަބޫލުކުރާށެވެ.

ޒަޔާންމެން ގޭގެ ދޮރު މަތީގައި އިޒާނީ މަޑުކޮށްލިއެވެ. އަދި ޖީބުން ފޯނު ނަގާ ޒަޔާންއަށް ގުޅިއެވެ. ދެތިން ފަހަރު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުލިބުނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ޒޯޔާގެ ނަންބަރަށް އިޒާނީ ގުލާލިއެވެ. ދެވަނަ ފަހަރަށް ގުޅުުމުން ޒޯޔާ ފޯނު ނެގިއެވެ.

“ޒޯ. ވަރަށް އަވަހަށް ދޮރު ހުޅުވާލަބަލަ. އައިމް އައުޓްސައިޑް.” އިޒާނީ އެ ހުރީ ބޭރުގައި ކަމަށާއި، އަވަހަށް ދޮރު ހުޅުވާލަ ދިނުމަށް އޭނާ ޒޯޔާ ގާތުން އެދުނެވެ.

“މިގަޑީގަ؟” ހިނދުކޮޅެއްގެ ތެރޭގައި ޒޯޔާގެ ނިދި ފިލައިގެން ދިޔައެވެ. “ކިހިނެއްވީ އަނެއްކާ؟ އެވްރީތިންގ އޯކޭ ތަ؟” ޒޯޔާ ސުވާލު ކުރަމުން އައިސް ދޮރު ހުޅުވާލި އިރު އިޒާނީ ހުރީ ފޮށި ހިފައިގެން އެގޭ ދޮރު ކައިރީގައެވެ. އަވަހަށް އިޒާނީ އެތެރެއަށް ވެއްދުމަށްފަހު ޒޯޔާ އަނެއްކާވެސް ސުވާލު ކުރިއެވެ.

“ދޮންބެއަށް ގޮވަން ވީ ތަ؟” އިޒާނީ އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒޯޔާ އިންތިހާއަށް ކަންބޮޑުވިއެވެ. އެހެންކަމުން ޒަޔާންއަށް ގޮވަންވީތޯ އިޒާނީ ކުރެން އޭނާ އަހާލިއެވެ. އިޒާނީ ބޯ ޖަހާލުމާއެކު ޒޯޔާ ތެދުވެގެން ގޮސް ޒަޔާންއަށް ގޮވިއެވެ. އޭނާވެސް ހުރީ އިޒާނީ އެ ވަގުތު އެ ގެއަށް އައީތީ ހާސްވެފައެވެ. ގަޔަށް ޓީޝާޓެއް މަހާލަމުން އޭނާ ކޮޓަރިން ނިކުތް އިރު އިޒާނީ ސޯފާގައި އިންތަން ފެނުނެވެ. (ނުނިމޭ)

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ