ޖަރުމަނުން ފުރަތަމަ މޮޅު ހޯދިއިރު، ސްޕެއިނަށް އުނދަގޫ މޮޅެއް

ކުޅިވަރު ފަހުގެ

ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވީ ޔޫކްރޭން އަތުން 2-1 ންނެވެ. މިއީ މި މުބާރާތުގައި ޖަރުމަން މޮޅުވި ފުރަތަމަ މެޗެވެ.

ޔޫކްރޭނުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަރުމަނުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ ދިން ޕާހަކުން މި ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަތިއަސް ގިންޓާއެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ލެއޯން ގޮރެޓްޒްކާއެވެ. މި މެޗުގައި ޔޫކްރޭނުން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔޫކްރޭނަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީއެވެ.

ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ސްޕެއިނާއި ޖަރުމަން މޮޅުވިއިރު، ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައިގައި ސްޕެއިން އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ސްވިޒަލެންޑަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވިއުރު، ޖަރުމަނާ އެއް ގްރޫޕެއްގައި ހިމެނޭ ސްޕެއިން މޮޅުވީ ސްވިޒަލެންޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ސްޕެއިނުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި މެޗުގައި އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ ސްވިޒަލެންޑުންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ސްވިޒަލެންޑުގެ ޑިފެންޑަރު ލޮރިސް ބެނިޓޯއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސްޕެއިނުގެ ގޯލްކީޕަރު ޑެވިޑް ޑެ ހެއާ ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ސްވިޒަލެންޑުގެ ގޯލްކީޕަރު ޔަން ސޮމާ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ފޯވާޑް މިކޭލް އޮޔަރްޒަބަލެވެ.

ސްޕެއިނުން މެޗުގެ ކުރީކޮޅު ލީޑު ނެގިއިރު، ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން އެ ޓީމުގެ ފޯވާޑް ފެރާން ޓޮރޭސްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ބޮލުން ފޮނުވާލި ހަމަލާ ސްވިޒަލެންޑުގެ ގޯލްކީޕަރު ސޮމާ ދިފާއުކުރިއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖަހަން މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މި ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ސްޕެއިނުގެ އޮޔަރްޒަބަލަށެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ