އެޗްއާރްސީއެމް ގެ ޤާނޫނަށް ދެވަނަ އިސްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤު ކުރައްވައިފި

ޚަބަރު ފަހުގެ

ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ޤާނޫނު (ޤާނޫނު ނަންބަރު: 06/2006) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިޞްލާހުގައި، ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ތަޢައްޞުބާއި ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.

އެޗްއާރްސީއެމްގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ އަދި އޯޑިއޯ ރެކޯޑިންގ ބެލެހެއްޓުން ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

ރައީސް ޞާލިޙް މި ބިލު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނު ތަޞްދީޤުކުރައްވައި ގެޒެޓުގައި ޝާއިޢުކުރެއްވުމާއިއެކު، މިއަދު މި ވަނީ މި ޤާނޫނަށް ޢަމަލުކުރަން ވެސް ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ