އެމްބާޕޭ ޖެހި ދެ ލަނޑާއެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ފްރެންޗް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ނީމް އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ނީމްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ނީމްގެ ލޮއިކް ލަންޑްރޭއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެން، އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ލަންޑްރޭއަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކީ ޕީއެސްޖީގެ ރަފީނިއާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ޕީއެސްޖީން ލީޑު ނަގާފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާގެ އެހީއާއެކު އަލެސަންދްރޯ ފްލޮރެންޒީ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ސަރާބިއާގެ އެހީއާއެކު އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޮލިން ޑަގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރީ ސަރާބިއާއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ހަތް މެޗުން 15 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެނެސްއަށްވެސް ހަތް މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. އެކަމަކު ޕީއެސްޖީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ލީގުގައި ދެން ޕީއެސްޖީން މެޗެއް ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ޑިޖޮންއާ ދެކޮޅަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ