ބީލެފެލްޑް އަތުން ބަޔާނަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގަށް އަލަށް ޕްރޮމޯޓުވި އާމީނިއާ ބީލެފެލްޑް އަތުން ބަޔާން މިއުނިކް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.

މެޗުގައި ބަޔާނުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ލެއޯން ގޮރެޓްޒްކާގެ އެހީއާއެކު މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދަައްކަމުން އަންނަ ރޮބަޓް ލެވަންޑޯސްކީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މުލާގެ އެހީއާއެކު ލެވަންޑޯސްކީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ ވަނީ ބަޔާނަށް އެންމެ ފަހުން ކުޅެދިން 100 މެޗުގައި 102 ލަނޑު ޖަހާފައެވެ.

ދެވަނަ ހާފު ފަށައިގެންވެސް ބަޔާނުން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ހަވަނަ މިނެޓުގަައި އެ ޓީމުން ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ލެވަންޑޯސްކީގެ އެހީއާއެކު މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މުލާއެވެ.

މެޗުގައި ބީލެފެލްޑުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޓްސޫ ޑޯނެވެ. މެޗުގައި ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުގެ ކޮރެންޓިން ޓޮލީސޯއަށް ރެފުރީ ވަނީ ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ތާވަލުގެ ދެވަނައިގައި ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ހޮނިހިރު ދުވަހުގެރޭ ޑޯޓްމުންޑް ވަނީ ހޮފެންހެއިމް އަތުން 1-0 ން މޮޅުވެފައެވެ.

މީގެ އިތުރުން ތާވަލުގެ އެއްވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ އޯގްސްބާގް އަތުން 2-0 ން މޮޅުވީ އާރްބީ ލެއިޕްޒީގެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ