ވެންޓިލޭތަރުތަކުގެ މައްސަލާގައި ދައުވާ ސާބިތުކުރެވޭވަރާ ގާތަށްވެސް ހެކިނެތް – ޕީޖީ

ޚަބަރު ފަހުގެ

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ހެލްތު މިނިސްޓްރީގެ ކޮށްފައިވާ މަސައްކަތްތަކީ ވަކި ބަޔަކަށް މަންފާއެއް ވާގޮތަށް ކޮށްފައިވާ މަސައްކަތެއްކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެތްކެއް އޭސީސީގެ ތަޙްޤީޤުން ފެންނަން ނެތްކަމަށާ، މިކަމުގައި ޖިނާޢީ ދައުވާއެއްކޮށް ސާބިތުކޮށްދެވޭނެ ޙާލަތެއްވެސް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޙުސައިން ޝަމީމް މިހެން ވިދާޅުވީ ދުބާއީ ކުންފުންޏަކާ ޙަވާލުކޮށްގެން ރާއްޖެގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވި ނިންމެވުމާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރައްވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް ވިދާޅުވީ، އޭސީސީއާއި ޕީޖީ އޮފީސް ގުޅިގެން މިމައްސަލާގައި މަސައްކަތްކެއް ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުގެކުރިން ޕީޖީއޮފީހަށް އެކަން އަންގަވާފައި ނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީޖީ ވިދާޅުވީ މިމުޅިމައްސަލާގައިއޮތީ ދެ މުޢާމަލާތެއްގެމައްޗަށް އެކުލެވޭ 12 ވައްތަރެއްގެ ތުހުމަތުތަކެއް ކޮށްފައިކަމަށެވެ. ޝަމީމް ވިދާޅުވީ އޭސީސީން ތަޙްޤީޤްކޮށް ފޮނުވި މައްސަލާގައި ދައުވާ ކުރެވެން ނެތްކަން ފާހަގަކޮށްފައިވާކަމަށެވެ. އަދި އެފަދަ މައްސަލައެއް ޖިނާޢީ ދައުވާކުރުމަށް ފޮނުވިކަމާމެދު ސުވާލު އުފައްދަވައި ޕްރޮސެކިއުޓަރ ޖެނެރަލް ތަކުރާރުކޮށް ވިދާޅުވީ އޭސީސީން ތަޙްގީގްކޮށް ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާކުރަން ފޮނުވި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުކުރެވޭނެ އެއްވެސް ހެތްކެއް ނެތްކަމަށެވެ.

މިމައްސަލާގައި ހިމެނޭ ވެންޓިލޭޓަރުތައް ގެންނަން ޙަވާލުކުރި ނާޑް ކުންފުންޏާއި މެޑްޓެކް ކުންފުންނާއި ޙަވާލުކޮށްގެން ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ޢަމަލީގޮތުން ބައިވެރިވެފައިނުވާކަންވެސް ތަޙްގީގުން ނިންމާފައިވާކަމަށް، އޭސީސީ ރިޕޯޓްގައިވާކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

“ޕޯސްޓް އޮފީހެއްގޮތަށް މައްސަލަ ހިފައިގެން ދާކަށްނޫން އަޅުގަނޑުމެން މިއުޅޭނީއެއް. ދައުވާކުރެވޭވަރުގެ ޕޮސިބިލިޓީއެއް އޮވެގެންނޭ ކޯޓަށް ދެވޭނީ. ޤަވާއިދުގެ ތެރެއިން ހިންގާފައިވާ ކަމެއް ހިފައިގެން ނުދެވޭނެ.” ޕީޖީ ޙުސައިން ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގައި އިދާރީ ގިނަ ގޯސްތަކެއް އެބަހުރިކަމަށާ، ނަމަވެސް އެއީ ޕީޖީއަށް ބެލޭނެ ކަމެއް، ނުވަތަ ޖިނާއީ މައްސަލަތަކެއްކަމަށް ބެލެވޭކަށް ނެތްކަމަށެވެ. ވެންޓިލޭޓަރުތައް ގެނައުމުގައި ވަކިބަޔަކަށް މަންފާ ހޯދައިދިނުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ މައްސަލަތަކެއް ހުރިކަމަށް ހެލްތު މިނިސްޓްރީގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވާތީ އޭސީސީން ވަނީ ދައުވާކުރަން ނިންމައި އެމައްސަލަ މިމަހުގެ 14ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އޭސީސީގެ ތަޙްޤީޤީ ފެންވަރާމެދު ޕީޖީ އޮފީހުންނާއި ރައްޔިތުންގެ މަޖިލީހުންވެސް ދަނީ ސުވާލު އުފައްދަވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ