އެ ސޮރުގެ އެއްވެސް ކުށެއްނެތެވެ. އެކަމަކު ސަލާމަތެއް ނެތެވެ. ރައްކާތެރިކަމެއްނެތެވެ. ހާންތިވެފައިވާ ބޮޑެތި ފިޔަލަތައް އެ ސޮރުމެން ފަހަނީއެވެ. ފެހިކުލައިގެ ބިޔަ ފިޔަލަތަކުގެ ލަދުގެ ކަންފުޅެއް ވެސް ނެތެވެ. ބަޑިއަޅައިފައި އައިސް ހިފަނީއެވެ. އަތުޖެހިއްޖެނަމަ އެއް ފަހަރުން ދިރުވާލަނީއެވެ. އެތައް ފުޅަންގެއް ކާ އިރު ވެސް ހިތެއް ނުފުރެއެވެ.
ފުޅަންގަކީ ބުރިކަށިމަތި ގަދަނޫ ކުލައެއްގައި، ދެއަރިމައްޗާއި ބަނޑުދޮށް، ރިހި ކުލައިގައި ހުންނަ މަހެކެވެ. މިއީ ދެކަން ފަތްގަނޑު ވަރަށް ދިގު މަހެކެވެ. ދެފިޔަފަތުގެ ގޮތުގައި ދެކަން ފަތް ގަނޑު ބޭނުން ކޮށްގެން މި މަސް އުދުހެއެވެ.
ސަލާމަތް ވުމަށް ޓަކައި ފުޅަންގަށް އޮތީ އުދުއްސައިގަތުމެވެ. ވައިގެ ތެރެއަށް ބޯ ހިއްލާލައި ނަގޫފަތުން ކަނޑުގައި ޖަހާލަމުން އުދުއްސައި ގަނޭ ވެސްމެއެވެ. ނަމަވެސް ވަރުބަލިވެގެން ވެއްޓޭތަނަށް ފިޔަލަ ދަނީ ދަތުރުކުރަމުންނެވެ. ބައެއް ފަހަރު ފެނުގައި ޖެހޭ ނުޖެހޭ ހިސާބުން ގޮސްގޮސް އޮއްވައި ފުންމައިގެން އަރާ ދިރުވާލައެވެ. ފުޅަނގީގެ މިނިވަންކަން ކޮބައި ހެއްޔެވެ؟
ފުރާނަ ސަލާމަތް ކުރުމަށް ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އެންމެ ހިނދުކޮޅަކު ވެސް އިތުރަށް ދުނިޔޭގައި ހުންނަން މަސައްކަތް ކުރާނެއެވެ. ގަޔަށް ލެވުނު ބާރެއް ލައިފައި ވީހާަ މައްޗަކުން އުދުހެން ފުޅަނގި މަސައްކަތްކުރަނީ އެހެންވެއެވެ. އެވަގުތު ވަނީ މަތިން ބަލަބަލާ އޮންނަ ހޯރައަށް ރަނުގެ ފުރުސަތަކަށެވެ. އައިސް ތުނބުން ހިފަނީ ފުޅަނގީގެ މެދުގައެވެ. ބައެއް ފަހަރު ތެޅިގަނެގެން ތުނބުން ވީއްލިގަނެގެން ކަނޑަށް ވެއްޓިގަނެއެވެ. އެއީ އަދި މާ ނުރައްކާތެރި ވަގުތެކެވެ. ބުރާންތިވެފައި ދުއްވައިގަންނަން ނޭނގިފައި އޮއްވާ ފިޔަލައަށް ފެނުނީމާ ވާނީ ކިހިނެއް ހެއްޔެވެ؟ ރަހުމުގެ ލޮލަކުން ބަލާނެ ހެއްޔެވެ. އޯގާތެރި އަތަކުން ފިރުމާނެ ހެއްޔެވެ. ހަމްދަރުދީގެ އިހުސާސް ހިނގާނެ ހެއްޔެވެ.
ފުޅަންގަށް ހަމަ ރައްކާތެރި އެއްވެސް ގޮތެއް ނެތެވެ. އަޑިން ފިޔަލައެވެ. މަތިން ހޯރައެވެ.


