ސޮންގެ ލަނޑުން ޓޮޓެންހަމަށް މޮޅެއް

ކުޅިވަރު ފަހުގެ

ފޯވާޑް ސޮން ހުއެން-މިން ކާމިޔާބުކޮށްދިން ލަނޑުން ބާންލީ އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވެއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވި ނަމަވެސް، މި ހާފުގައި ބާންލީން ވަނީ ދެ ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އެ ޓީމުގެ އޭޝްލީ ވެސްޓްވުޑާއި ގުޑްމުންޑްސަން ދެ ހަމަލާއެއް ފޮނުވާލިއިރު، މި ދެ ހަމަލާވެސް ޓޮޓެންހަމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މުޅި މެޗުގައިވެސް ބާންލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު ޖޭމްސް ޓާކައުސްކީއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ޓޮޓެންހަމުގެ ފޯވާޑް ހެރީ ކޭން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓޮޓެންހަމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. ކޯނަރަކުން ކޭންގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮންއެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސޮން ކާމިޔާބުކުރި އަށްވަނަ ލަނޑެވެ. އަދި މިއީ އޮން އާއި ކޭން ގުޅިގެން ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.

މި މޮޅާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމް އަތުން ބަލިވި ބާންލީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި ފަސް މެޗުން ލިބުނު އެންމެ ޕޮއިންޓަކާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ