ޝައިޠާނާގެ ދަންތުރަތައް: ހުވަފެނުގައިވެސް ޝައިޠާނާ އުނގަދޫކުރެއެވެ.  

ފަހުގެ ދީން

ހަނގުރާމައިގެ މައިދާނެއްގައި ނަސްރު ހޯދުމަށް، ދުޝްމަނުންގެ ދަންތުރަތަކާއި އުކުޅުތައް ދެނެގަތުން ވަރަށް މުހިންމެވެ. ދުނިޔޭގެ މި ޙަޔާތަކީވެސް ވަރުގަދަ ހަނގުރާމައެކެވެ. އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ދުޝްމަނަކީ ޝައިޠާނާއެވެ. ދުނިޔޭގެ ޙަޔާތުގައި ނަޞްރު ލިބުމަށް އެދޭ މީހަކު، ޝައިޠާނާގެ ދަންތުރަތަކަށް ސަމާލުވާން ޖެހެއެވެ. ސަބަބަކީ، އެއްވެސް ވަރުބަލި ކަމެއް ނެތި އިންސާނުން މަގު ފުރެއްދުމަށް ޝައިޠާނާ މަސައްކަތް ކުރަމުންދާތީއެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށްޓަކައި ކިޔުމަށް އެތަކެއް ދުޢާތަކެއް ވާރިދުވެެގެން އައިސްފައިވަނީ މިހެންވެއެވެ.     

އިންސާނާ ނިދާފައި އޮންނަ އިރުވެސް ޝައިޠާނާ އޭނާގެ މަސައްކަތް ކުރިޔަށް ގެންދެއެވެ. ވަސްވާސް ދީގެންނާއި ތަފާތު އެކި ހުވަފެން ދައްކައިގެންނެވެ. 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަބޫ ހުރައިރާ ގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ” الرُّؤْيَا ثَلاَثٌ فَبُشْرَى مِنَ اللَّهِ وَحَدِيثُ النَّفْسِ وَتَخْوِيفٌ مِنَ الشَّيْطَانِ فَإِذَا رَأَى أَحَدُكُمْ رُؤْيَا تُعْجِبُهُ فَلْيَقُصَّهَا إِنْ شَاءَ وَإِنْ رَأَى شَيْئًا يَكْرَهُهُ فَلاَ يَقُصَّهُ عَلَى أَحَدٍ وَلْيَقُمْ يُصَلِّي ‏.”‏ (އިބުން މާޖާ، ވޮލިއުމް 5، 35 ވަނަ ފޮތް، ޙަދީޘް ނަންބަރު: 3906)  މާނައީ: “ހުވަފެން ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ އެކަލާނގެ ޙަޟުރަތުން ލިބޭ އުފާވެރި ޚަބަރާއި، ދައްކާ ވާހަކައިގެ ސަބަބުން ފެންނަ ހުވަފެނާއި، ޝައިޠާނާގެ ފަރާތުން ފެންނަ ކަންތައްތަކެވެ. ރަނގަޅު ހުވަފެނެއް ފެނިއްޖެ ނަމަ ﷲ އަށް ޙަމްދު ކުރާށެވެ. އަދި ނުރުހޭ ފަދަ ހުވަފެނެއް ފެނިއްޖެ ނަމަ އެއްވެސް މީހަކަށް އެ ހުވަފެން ކިޔާ ނުދޭށެވެ. އަދި ތެދުވެ ނަމާދު ކުރާށެވެ.” 

މި ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނާއަށް ހުވަފެން ދެއްކުމުގެ ބާރު ލިބިފައި ވެއެވެ. އެކި ކަހަލަ ނުރައްކާތެރި ހާދިސާތަކާއި، ބިރުވެރި ކަންކަމާއި، ގާތް މީހުންނާއިމެދު ޝައްކު އުފެދޭ ފަދަ ހުވަފެންތައް ޝައިތާނާ ދައްކައެވެ. އެފަދަ ހުވަފެނަކުން ހޭލެވޭ އިރު މީހާ ހުންނާނީ ކަންބޮޑުވެ ހާސް ވެފައެވެ. ބިރުގަނެފައެވެ. އަދި އެވާހަކަ އިތުރު މީހަކާ ހިއްސާކުރުމަށް ބޭނުންވެފައެވެ. އެއީ ޝައިޠާނާ ބޭނުންވާ ގޮތެވެ. އިންސާނާ ޝައްކާއިި ވަހުމާއި، ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމެވެ. އެވާހަކަ އިތުރު މީހަކަށް ކިޔާދީ އެމީހާއަށްވެސް ހާސްކަން ގެނުވުމެވެ. މިގޮތަށް ގިނަ މީހުންތަކެއްގެ ހިތްތަކަށް ނުތަނަވަސްކަން ފަތުރާލެވުމަކީ ޝައިޠާނާ ވަރަށް ހިތްޖަމަ ޖެހޭ ކަމެކެވެ. 

މިކަމުން ސަލާމަތް ވުމަށްޓަކައި ޢަމަލު ކުރަންވީ ގޮތް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ އުނގަންނައި ދެއްވާފައެވެ.

ފުރަތަމަ ކަމަކަށް، ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔަވާށެވެ. އާޔަތުލް ކުރުސި ކިޔެވުމުން، މުޅި ރޭގަނޑު ރައްކާތެރިކަން ލިބެއެވެ.

އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރު، ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ތަކެތި ބެލެހެއްޓުމަށް ރަސޫލާ ﷺ އެދިލެއްވުމުން އެކަމާ ހަވާލުވީމެވެ. އެއްދުވަހު، އެތަނަށް މީހަކު ވަދެ އެތަކެތި ހާވަން ފެށުމުން، އެމީހާ ހިފާ ރަސޫލާގެ އަރިހަށް ގެންދާނަމޭ ބުނުމުން، އެމީހާ ބުންޏެވެ. “ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔާށެވެ. އޭރުން މާތް ﷲ ގެ ހަޟުރަތުން ރައްކާތެރިކަން ލިބޭނެއެވެ. އަދި ފަތިސްވުމާއި ހަމައަށް ޝައިޠާނާ ގާތެއް ނުވާނެއެވެ. ރަސޫލާ ﷺ ގެ އަރިހުގައި މި ވާހަކަ ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ ދޮގުވެރިއެއް ނަމަވެސް އެބުނީ ތެދެކެވެ. އެއީ (އެމީހާއަކީ) ޝައިޠާނާއެވެ.” (އަލް ބުޚާރީ 2311)

ދެވަނަ ކަމަކަށް، ނުރުހޭ ފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދޭށެވެ. (އަޢޫޛު ކިޔާށެވެ.) ތިން ފަހަރު ވައަތް ފަޅިއަށް ފުމެލާށެވެ. އަދި ކުރިން އޮތް ފަޅި ނޫން، އަނެއްފަޅިއަށް އެނބުރޭށެވެ. އޭރުން ޝައިޠާނާ ބިރުން ފިލާ ގޮސްދާނެއެވެ.

ޖާބިރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ނުރުހޭ ހުވަފެނެއް ފެނިއްޖެ ނަމަ ވައަތްފަޅިއަށް ތެތްކޮށް ތިން ފަހަރު ފުމެލާށެވެ. އެއަށްފަހު، ޝައިޠާނާގެ ކިބައިން ތިން ފަހަރު ރައްކާތެރިކަން އެދޭށެވެ. (އަޢޫޛު ކިޔާށެވެ.) އަދި ނިދަން އޮތް ފަޅި ބަދަލުކޮށްލާށެވެ.” (މުސްލިމް 2262)

އެންމެ ފަހު ކަމަކަށް، ނުރުހޭ ހުވަފެން ފެނިއްޖެ ނަމަ، އެ ހުވަފެން އެއްވެސް މީހަކާއި ނުގުޅުވާށެވެ. އަދި އިތުރު މީހަކާއި ހިއްސާވެސް ނުކުރާށެވެ. ޝައިޠާނާގެ ފަރާތުން ފެނުނު ކަމުގައިވިޔަސް، އެފަދަ ހުވަފެނަކުން އެއްވެސް ގެއްލުމެއް ނުވާ ހުއްޓެވެ.

މާތް ﷲ އަޅަމެންނަށް ސާބިތުކަން ދެއްވާ، ޝައިޠާނާގެ ދަންތުރަތަކުން އަޅަމެން ރައްކާތެރި ކުރައްވާނދޭވެ. އާމީން.

  ‏

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ